ޚަބަރު

ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ


  • ބޭސް ވިއްކޭނީ ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް

  • ހުއްދަ ނުނަގައި ޕޭޖުތަކުގައި ބޭސް ވިއްކާ މައްސަލަ ވަނީ ފާހަގަވެފައި

ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ވިދާޅުވެއްޖެއެވެ.

އެމްއެފްޑީއޭއިން މިހެން ވިދާޅުވީ، އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެއްވެސް ހުއްދައެއް ނެގުމަކާނުލާ އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އެތެރެކޮށް ވިއްކޭނީ ބޭހާއި ބެހޭ ޤަވާއިދުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގައި ބޭސް އެތެރެކޮށް އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ. އަދި އެތެރެކުރާ ހުރިހާ ބޭހަކީވެސް އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ރާއްޖެއަށް އެތެރެކޮށް ވިއްކުމަށް ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ބޭސް އެތެރެ ކުރުމުގައި މިފަދަ ހަރުކަށި ޤަވާއިދުތައް އޮތް ނަމަވެސް މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.

އެގޮތުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށް ކުރުމަށް ބޭނުންކުރާ ސެމަގުލުޓައިޑަކީ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި، ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އެޒޭލެކް އެސިޑަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން ފާހަގަކޮށްފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، މިފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުން ކުރަންޖެހޭ ހާލަތުގައި އެކަމެއްގެ ޚާއްޞަ ޑޮކްޓަރަކު ލިޔެދިނުމުން ނޫނީ ބޭނުން ކޮށްގެން ނުވާނެ ބޭހެއް ކަމަށެވެ. އަދި ފާމަސީތަކުންވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑޮކްޓަރުގެ ލިޔުމެއްދީފައިވާ ބޭސް ސިޓީއަށް ކަމަށެވެ. ހަމަމިއާއެކު ޑޮކްޓަރެއްގެ ލަފަޔާއި، އިރުޝާދާއި ނުލައި އެފަދަ ބޭސްތައް ބޭނުން ކުރުމުން ހީވެސް ނުކުރާ ފަދަ ހިތާމަވެރި ހާލަތަކަށް ހުށަހެޅުމަކީ ދުރުގައިވާ ކަމެއްނޫން ކަމަށްވެސް އެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އެހެންކަމުން އެ އިދާރާއިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ބޭހާއިބެހޭ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ އިންޒާރު އެމްއެފްޑީއޭއިން ވަނީ ދެއްވާފައެވެ.