ޚަބަރު

ޖޭޕީގެ ތާއީދު ޕީއެންސީގެ ކެނޑިޑޭޓުންނަށް!


  • ޖޭޕީން ވާދަކުރާނީ ހަމައެކަނި މާމިގިލި ދާއިރާއަށް

  • ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރަން ނިންމީ ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މާމިގިލި ދާއިރާ ފިޔަވައި، އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލުގެ ބައްދަލުވުމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލުގައި ވަނީ އިންތިޚާބުގައި ވާދަކުރުމާމެދު ގޮތްތަކެއް ހުށަހަޅާ މަޝްވަރާކޮށްފައެވެ. އެގޮތުން ދާއިރާތަކަށް ވާދަކުރާނީތޯ ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާއި މެދު މަޝްވަރާކުރިއެވެ. މިކަންކަމާމެދު މަޝްވަރާކުރުމަށްފަހު ޖޭޕީގެ ކައުންސިލުން ނިންމީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހަމައެކަނި މާމިގިލި ދާއިރާއަށް ކެނޑިޑޭޓުން ނެރުމަށެވެ. އަދި އެހެން ހުރިހާ ދާއިރާއަކަށް ވާދަކުރައްވާ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށްވެސް ކައުންސިލް ބައްދަލުވުމުގައި ނިންމެވިއެވެ.

އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީން މިހާރު ވަނީ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށްފަހު ކެނޑިޑޭޓުންވެސް ކަނޑައަޅާފައެވެ.