ޚަބަރު

"މިނިވަންކަމަށްޓަކައި ވީޤުރުބާނީގެ ޒިކުރާ އައުކުރަންޖެހޭ"


  • ދައުލަތެއް އުފެދެނީ ދިފާޢުކުރުމުގެ ތެރެއިން

  • ދަރިންނަށް ފެންނަ މަންޒަރުތަކާއި އުނގެނޭ އަދި އުނގަންނައިދޭ ކަންކަމާމެދު ސަމާލުވާންޖެހޭ

ރާއްޖޭގެ މިނިވަންކަން ދިފާޢުކުރުމަށް ވޭތުވެދިޔަ ދިގު ތާރީޚުގައި ދިވެހީން ޤުރުބާން ވީފަދައިން ކުރިއަށް އޮތްތަނުގައިވެސް އެކަމަށް ސާބިތުކަމާއެކު ކުރިމަތިލާން ތައްޔާރަށް ތިބެންޖެހޭކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

1447 ވަނަ އަހަރުގެ ޝަހީދުންގެ މުނާސަބަތުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ދިގު ތާރީޚަށް ބަލާއިރު ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި ދިވެހި ދަރިންތަކެއް ތިބިކަމަށެވެ. ރާއްޖޭގެ 4000 އަހަރުގެ ދިގު ތާރީޚުގައި ދިވެހި ކާބަފައިންގެ އެތައް ރެޔެއްގެ ހަމަ ނިންޖާއި އަމިއްލަ ފުރާނާއިންވީ ޤުރުބާނީ ފަވާލެވިފައިވާކަމަށެވެ.

އޭރު ރާއްޖެއަށް ކުރިމަތިވީ ޢުދުވާނީ ޙަމަލާތައް މިހާރު ރާއްޖެއަށް ކުރިމަތިނުވާނެކަމަށް ބަލައިގެން ތިބެގެންނުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް ޤައުމުގެ މިނިވަންކަމުގެ ޙައްގުގައި ފާރަވެރިވެ ތިބުމަށް އަދި ޤައުމަށްކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ކެރިގެން ސާބިތުކަމާއެކު ކުރިމަތިލުމުގައި ދެމިތިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދައުލަތެއް އުފެދެނީ ދިފާޢުކުރުމުގެ ތެރެއިން، ޤައުމެއް ދިމިއޮންނަނީވެސް ދިފާޢުކުރުމުގެ ތެރެއިން. އަޅުގަނޑުމެން އަބަދުމެ ހޭލާ ދެމިތިބެންޖެހޭ. މިހާރު އަންނަނީ ފިކުރީ ހަނގުރާމައިގެ ތެރެއިން އަންނަ ޙަމަލާ. އެކަމަށް ފާރަވެރިވާންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އަދުގެ ސަރުކާރުން ދިވެހިންގެ މެދުގައި ތާރީޚީގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

"ދިވެހިންނަށް ދިވެހިންގެ ތާރީޚު އަލުން ގެނެސްދިނުން، ދިވެހިންނަށް ތަރިކައިތަކަށް ބަލަން އަލުން ދަސްކޮށްދިނުން، ހަގީގަތުގައި ގައުމެއް އެއްބައެއްގެގޮތުގައި ތިބެވެނީ މިގޮތުން ކުރެވޭ މަސައްކަތުގެތެރެއިން، ގަހަކަށް މޫ ބޭނުންވާ ފަދައިން، ޤައުމަކަށް އެޤައުމެއްގެ ތާރީޚު މުހިއްމުވޭ، ޤައުމަކަށް ކާބަފައިންވީ ގުރުބާނީ އެނގުން މުހިއްމުވޭ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމެއްގެ މިނިވަންކަމަށް ލޮޅުން އަރާކަންކަމުގައި ލޯމަރައިގެން ތިބުމަކީ އެއްވެސް އެއްވެސް ޤައުމަކަށް ލިބިގެންވާ ޙައްގެއް ނޫންކަމަށެވެ. ދުނިޔޭގައި މިހާރު ކުރަމުންދާ ފިކުރީ ހަނގުރާމައާއި މެދުވެސް ސަމާލުވުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ދަރިންނަށް ފެންނަ މަންޒަރުތަކާއި، އެކުދިންނަށް ލިބޭ ޢިލްމާއި އުނގެނޭ އުނގެނުމާއި މެދު ކޮންމެ ދިވެއްސަކުވެސް ސަމާލުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ދިވެހީންނަށް އެންމެ ފައިދާ ބޮޑީ ކޮންގޮތަކަށްތޯ ދިވެހީން އަބަދުވެސް ވިސްނަންވާނެކަމަށް ވިދާޅުވިއެވެ.