އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ސެނެގާލް އަތުން އަތުލައި އެ ގައުމަށް ފިޔަވަޅު އަޅަން މޮރޮކޯއިން މައްސަލަ ޖައްސައިފި އެވެ.
މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނާއި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ އަށް ލިޔުނީ ސެނެގާލް ކުޅުންތެރިން ދަނޑުން ބައިބައިގެން ދިޔަ މައްސަލާގަ އެވެ.
ފޯވަޑް ސާދިއޯ މާނޭ ފިޔަވައި ސެންގާލްގެ ކުޅުންތެރިން ކޯޗުގެ އެންގުމަށް ދަނޑު ފައިބައި ޗޭންޖިން ރޫމަށް ދިޔައީ ސެނެގާލް ޖެހި ގޯލެއް ގަބޫލު ނުކޮށްފައި މެޗުގެ ފަހު މިނިޓްގައި ރެފްރީ މޮރޮކޯ އަށް ޕެނަލްޓީ އެއް ދިނުމުންނެވެ. ކޯޗުގެ ހިތްހަމަ ނުޖެހުމަކަށްވީ މި މުބާރާތުގެ ރެފްރީން މޮރޮކޯ އަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމުގެ ޝަކުވާ އެހެން ގައުމުތަކުން ވެސް ކޮށްފައި އޮއްވައި އެކަމަށެވެ.
ސެނެގާލް ކުޅުންތެރިން އެނބުރި މެޗު ކުޅެން އައީ ގާތްގަނޑަކަށް 16 މިނިޓް ފަހުންނެވެ. އެއީ ވެސް މާނޭ ޗޭންޖިން ރޫމަށް ގޮސް މެޗު ފުރިހަމަ ކުރަން އެދުމުންނެވެ. މިއާއެކު އަލުން މެޗު ފަށައި ޕެނަލްޓީ ޖަހަން 24 މިނިޓް ވަރު ހޭދަވި އެވެ. މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނީ ޕެނަލްޓީ ނާކާމިޔާބު ވުމުގެ އަސްލަކީ ވެސް އެހާ ގިނައިރުވުން ކަމަށެވެ.
މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ސެނެގާލްގެ މި އަމަލަކީ ފުޓްބޯލައިގެ ރޫހާ ހިލާފު އަމަލެއް ކަމަށާއި އަދި މިއީ އެފްރިކާ އަށް ލިބުނު ބޮޑު ލަދެއް ކަމަށެވެ. އަދި ސެނެގާލް ކަންތައްތައް ކުރީ ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފަށް ކަމަށާއި އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅައި ދިނުމަށެވެ. ނަމަވެސް ނިމިފައިވާ މެޗެއްގެ ނަތީޖާ އަށް ފީފާއިން ބަދަލު ގެންނާނެ ކަމަށް ނުބެލެވެ އެވެ.
އަމިއްލަ ގައުމުގައި މުބާރާތުގެ ތަށި ހޯދަން ނުކުތް މޮރޮކޯ އަށް ތަށި ނުލިބުނީ މެޗުގެ ނަތިޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ސެނެގާލް ޖެހި ލަނޑުންނެވެ.