ޚަބަރު

އިންޓަރ މިލާން މެޗު ފަސޭހަ ނުވާނެ: އާޓެޓާ


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި އިންޓަރ މިލާނާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

މިރޭ ދަންވަރު 1 ޖަހާއިރު މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައިވަނީ މިއީ މިދިޔަ ސީޒަނުގައިވެސް ކުޅުނު ފަދަ ވާދަވެރި އަދި އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ.

"މިއީ މިދިޔަ ސީޒަނެކޭ އެއްފަދައިން ވާދަވެރި އަދި އުނދަގޫ މެޗަކަށް ވާނެ. އިންޓަރ މިލާނަށް ވަނީ ބަދަލުތަކެއް އައިސްފައި އަދި ކުރިއަށްވުރެ އެ ޓީމު ފެންނަނީ ވަރުގަދަކޮށް." އާޓެޓާ ބުންޏެވެ.

މިދިޔަ ސީޒަނުގައި މި ދެ ޓީމު ސެންސީރޯގައި ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮށްފައިވަނީ އިންޓަރ މިލާނެވެ.

އާޓެޓާ އިތުރަށް ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗަކަށްވެސް އެ ޓީމު ނިކުންނާނީ މެޗު ކާމިޔާބު ކުރުމަށް ކަމަށާއި އެހެންކަމުން މި މެޗަށްވެސް ނިކުންނާނީ މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދުމަށް ކަމަށެވެ.

ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި މިވަގުތު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު މި ސީޒަނުގައި އަދި އެ ޓީމު މި މުބާރާތުގައި ބަލިވެފައެއް ނުވެއެވެ.