މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކް ލޯ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހޯމަ ދުވަހު ބޭއްވި ބައްދަލުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން ބައިވެރިވެރިވީ، އެ ވުޒާރާގެ ކްލައިމެޓް ޗޭންޖު ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް އަމްޖަދު ޢަބްދުﷲއެވެ. މި ބައްދަލުވުމުގައި އިނގިރޭސި ސަފީރުގެ އިތުރުން އިނގިރޭސި ހައިކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާއި ލިބޭ އިއާދަނުކުރެވޭ ފަދަ ގެއްލުންތަކާ ގުޅޭގޮތުންނެވެ.
ވުޒާރާގެ ފަރާތުން ބައްދަލުވުމުގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާރޭވެހި ފެންބޮޑުވުމާއި، ކަނޑު ގަދަވުން ފަދަ ކުއްލި ހާލަތްތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، މުރަކަ ހުދުވުން ފަދަ ތިމާވެއްޓަށް ދިގުމުއްދަތަކަށް ދެމިގެންދާ ގެއްލުންތައް ލިބޭ މައްސަލަތައް ފާހަގަކޮށްފައެވެ. އަދި މިފަދަ ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން ފޯރުކޮށްދެވިދާނެ ފަންނީ އަދި މާލީ އެހީއާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާ ކޮށްފައިވެއެވެ. މީގެއިތުރުން ބައިނަލްއަޤުވާމީ ކްލައިމެޓް ފަންޑުތަކުން މާލީ އެހީ ހޯދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ޙިއްސާކޮށް، ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށާއި، މި ބަދަލުތަކަށް ހޭނުމަށް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރެއްގައި މަސައްކަތް ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މިދާއިރާގައި ބައިނަލްއަޤުވާމީ މައިދާނުގައި އިނގިރޭސިވިލާތުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން އެދިލެއްވިއެވެ. މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.