ކުޅިވަރު

ރަސްމީ ބޯޅަ ދަނޑު ހުޅުމާލެއަށް


މިހާރު މާލޭގައި ހުންނަ ރަސްމީ ބޯޅަ ދަނޑު ތަޅާލާ އެތަނުގެ ބަދަލުގައި ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ފެންވަރުގެ ބޯޅަ ދަނޑެއް ގާއިމުކުރުމަކީ ސަރުކާރުގެ ވިސްނުންފުޅެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ

ވަޒީރު މިހެން ވިދާޅުވެފަވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ޒަމާންތަކެއްވެފައިވާ ރަސްމީ ބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފާނެތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވެފަވަނީ އެދަނޑަކީ އިތުރަށް ތަރައްޤީކުރެވިދާނެ ދަނޑެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި އެތަނަކީ ތަޅާލަ ސަރުކާރުގެ އަމާޒަކީ އެ ދަނޑުގެ ބަދަލުގައި ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއި އެކު ދަނޑެއް ތަރައްޤީކުރުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"ގަލޮޅު ބޯޅަ ދަނޑަކީ އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ސިފައިގައި ގާއިމުކުރަން އެންމެ އެދެވޭ ތަނެއް ނޫން. އެތަނުގެ ސޭފްޓީއާއި ސެކިއުރިޓީއާއި އަދި އެހެނިހެން ގޮތްގޮތުންވެސް މާނައަކީ ޕާކިންއާއި، ޓްރެފިކާއި އަދި އާންމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އިނުމަކީ ކުޅިވަރު ކުޅޭތަނެއް މިހާރު ގާއިމުކުރަން އެންމެ އެކަށީގެންވާ ތަނެއް ނޫން" ވަޒީރު ވިދާޅުވިއެވެ.

ދިގު ތާރީޚެއް އޮތް ގަލޮޅު ދަނޑު ބާވެ، ވީރާވަމުންދިއުމާއި ގުޅިގެން އެތަން އިތުރަށް އާބާތުރަ ފިލުވުމުގެ ބަދަލުގައި އެތަން ތަޅާލާ އެތަން ތަރައްޤީކުރާނީ ކުޅިވަރުގެ ހަރަކާތްތައް ފަސޭހަކަމާއިއެކު ހިންގޭނެ ފަދަ މަރުކަޒަކަށްކަމަށް ވަޒީރު ވިދާޅުވެފަވެއެވެ. އެހެންނަމަވެސް ދެން އެތަނުގައި އަލުން ރަސްމީ ބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ސިޔާސަތުގައި ނެތްކަމަށާއި ރަސްމީ ބޯޅަ ދަނޑު ދެން ބަދަލުވެގެންދާނީ ޒަމާނީ ވަސީލަތްތަކާއިއެކު ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކުރެވޭ ތަނަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކީ ރާއްޖޭގެ ނެޝަނަލް ސްޓޭޑިއަމް ހުޅުމާލޭގެ ފޭސް ވަންއަށް ބަދަލުކުރުން. އަދި ގަލޮޅު ދަނޑަކީވެސް މިހާރު އެތަން ތަޅާނުލާ އެހެން ގޮތަކަށް ބަދަލުނުކޮށް ބާއްވާވަރުގެ ތަނެއް ނޫން. އަޅުގަނޑުމެން އެތަން އިރާދަކުރެއްވިއްޔާ ތަޅާލާފަ އެތަން ތަންކޮޅެއް އާންމުންނަށް ފަސޭހައިން ވަދެ އުޅެވޭނެގޮތަކަށް، ކުޅިވަރު ކުޅެވޭތަނެއްގެ ގޮތުގައި ބޭންދުން އަމާޒަކީ. ގަލޮޅު ދަނޑަކީ ފިޒިކަލް އެކްޓިވިޓީއަށް އަދި ކުޅުމަށް ހަދާފަ އިންނަ ތަނެއް. އެހެންނަމަވެސް ނެޝަނަލް ސްޓޭޑިއަމް ވެގެންދާނީ ހުޅުމާލޭ ފޭސް ވަންގައި ގާއިމުކުރެވޭ ތަނަކަށް" ވަޒީރު ވިދާޅުވެފަވެއެވެ.

ރަސްމީ ބޯޅަ ދަނޑު ހުޅުމާލެއަށް ބަދަލުކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކަށް ރާއްޖޭގެ ރަސްމީ ބޯޅަ ދަނޑު ފެއްތުމެވެ. ގަލޮޅު ދަނޑަކީ ކާރުބާރޫ ބޮޑު މަގުތަކަކަށް ހުންނަ ދަނޑަކަށްވުމުން ޓްރެފިކްގެ އުނދަގުލާއި އެސަރައްދުގައި ޕާކުކުރުމަށް ގޮންޖެހުންތައް އާންމުންނަށް ކުރިމަތުންވަމުންދެއެވެ. އެހެންކަމުން ރަސްމީ ދަނޑު ހުޅުމާލެ އަށް ބަދަލުކުރުމުގެ ބޭނުމަކީ މިކަންކަމަށް ހައްލެއް ހޯދައިދީ ލުއި ފަސޭހަކަމާއިއެކު ދަނޑު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭރުން އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ގާއިމުކުރެވިގެންދާނީ، އަދި ޓްރެފިކާއި ޕާކިންއާއި މިހުރިހާ ކަމަކަށް ބަލާފައި އެތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ރަސްމީ ދަނޑު ހުޅުމާލެ ފޭސް އެކަކަށް ބަދަލުކުރުންކަމަށްވާއިރު އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވަޒީރުވަނީ ހާމަކުރައްވާފައެވެ. އަދި މިހާރުގެ ރަސްމީ ބޯޅަ ދަނޑު ތަޅާލުމަށްފަހު އެތަނުގައި ގާއިމުކުރާ ކުޅިވަރު މަރުކަޒުގެ ކޮންސެޕްޓް ޑްރޯއިންވެސް މިހާރު ނިމިފައިވާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ.

"މިހާރު ވަނީ ދަނޑުގެ ކޮންސެޕްޓް ޑްރޯއިން ނިމި އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އެ މަސައްކަތް ފެށުމުގެ ކަންކަން އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިގެންދާނެ. އަދި ގަލޮޅު ދަނޑު މިހާރު ހުރިތަން ތަޅާލާ އަދި މިދެންނެވިހެން އައު ކޮންސެޕްޓަކަށް، އެ ކޮންސެޕްޓުވެސް ވަނީ ހެދިފަ. އެއަށްވުރެ ކުޑަ ސްކޭލްއަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ" ވަޒީރު ވިދާޅުވިއެވެ.

ރަސްމީ ބޯޅަ ދަނޑުގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ގަލޮޅު ދަނޑަކީ 1979 ވަނަ ބިނާކުރެވުނު ރާއްޖޭގެ ކުޅިވަރުގެ މުހިންމު ބިނާއެކެވެ. 11،850 މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މި ދަނޑު މިހާރު ބައުވެ ހަލާކުވަމުންދާއިރު މި ދަނޑުގެ އާބާތުރަ ފިލުވާ އެތަން އެންމެ ފަހުން މަރާމާތުކޮށްފަވަނީ 2014 ވަނަ އަހަރުފެ އޭއެފްސީ ޗެލެންޖު ކަޕަށެވެ.

47 ވަނަ އަހަރު ގުނަމުންދާ ޒަމާންވީ މި ދަނޑަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ މުހިންމު މެޗުތަކެއް ކުޅެފައިވާ ދަނޑެކެވެ. ރާއްޖޭގެ ފުޓުބޯޅައިގެ ރަން ޒަމާނުގެ އުފާވެރި ހަނދާންތަކާއި ގުޅިފައިވާ މިއީ ތާރީޚީ މުހިންމު ބިނާއެކެވެ.