ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މިއަދުން ފެށިގެން މިމަހުގެ 25އަށް ކުރިއަށްގެންދާ މި ފެއަރއަކީ، މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ އަދި ބޮޑު ޓްރެވަލް ޓްރޭޑް ފެއަރއެވެ. މި ފެއަރގައި ވިޒިޓް މޯލްޑިވްސްއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 22 ފަރާތެއް ބައިވެރިވެއެވެ.
ފިތޫރަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލް ސޭލަރުންނާއި، ހޮޓަލުތަކާއި އެކޮމޮޑޭޝަންތަކާއި، އެއާލައިންތަކާއި، ފަތުރުވެރިކަމުގެ ލެޝަރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރާ ފަރާތްތަކާއި، ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ބައިވެރިވާ ފެއަރއެކެވެ. މިއަހަރުގެ މި ފެއަރގައި 50،000އަށްވުރެ ގިނަ ވިޔަފާރިވެރިންނާއި ފަންނީ މާހިރުން ބައިވެރިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ފިތޫރު ފެއަރއަކީ، ވިޔަފާރީގެ ރަނގަޅު ފުރުޞަތުތަކެއް ފަހިކޮށްދޭ ފެއަރއަކެވެ. މި ފެއަރއަށް ފަތުރުވެރިކަމުގެ ޚިދުމަތްތައް ގަންނަން ބޭނުން ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުން ޒިޔާރަތް ކުރެއެވެ.
މިއަހަރުގެ ފިތޫރު ފެއަރގައި، ސްޕެއިންގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަޖުރިބާތަކާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވެއެވެ.
ފިތޫރު ފެއަރ އޮންނަ ސްޕެއިންއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ.