ކުޅިވަރު

ގޯހެއް ހެދޭއިރަށް މަލާމާތް ކުރާތީވެ ދެރަވޭ: ވިނީޝިއުސް


ރެއާލް މެޑްރިޑުގެ ސަޕޯޓަރުން މި ފަހަކަށް އައިސް އޭނާ އަށް ކިރިޔާ ގޯހެއް ހެދިޔަސް މަލާމާތް ކުރާ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ފޯވަޑް ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

ބްރެޒިލްގެ ފޯވަޑް ބުނީ ރެއާލް މެޑްރިޑުގައި ފާއިތުވެދިޔަ ހައެއްކަ މަސް ދުވަހު އޭނާ ހޭދަކުރީ އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އޭގެ ތެރޭގައި ސަޕޯޓަރުން މަލާމާތް ކުރުން ވެސް ހިމެނޭ ކަމަށެވެ.

"ކިރިޔާ ގޯހެއް ހެދުނަސް މިދިޔަ ދުވަސްކޮޅު އެ މީހުން މަލާމާތް ކުރޭ. އަހަރުމެން އެންމެން ވެސް ބޭނުންވޭ ސަޕޯޓަރުންގެ ރުހުމާއި އެ މީހުންގެ ތަރުހީބު. އަހަރުމެން އެންމެން އެކުގައި ތިބެފިނަމަ ކާމިޔާބު ހޯދާކަށް އުނދަގުލެއް ނުވާނެ،" ވިނީޝިއުސް ބުންޏެވެ.

އޭނާ ބުނީ ކުލަބުގެ ސަޕޯޓަރުން މަލާމާތް ކުރަން އެއްގޮތަކަށް ވެސް ނޭދޭ ކަމަށެވެ.

"އަހަރެން ނޭދެން އަހަރެންނަށް މަލާމާތް ކުރާކަށް. އަހަރެން ބޭނުންވަނީ މި ކުލަބަށްޓަކައި އަހަރެން ކޮށްދިން ކަންތައްތައް ކޮންމެ ދުވަހަކު ވެސް (ސަޕޯޓަރުން) ހަނދާން ކުރަން. އެކަމަކު ކުލަބުގެ ޑިމާންޑްތައް ވަރަށް މަތި. އަހަރެން އެބަޖެހޭ އެކަންކަން ފުރިހަމަ ކޮށްދޭން. އަހަރެން މި ކުލަބަށްޓަކައި މި ޖާޒީ އަށްޓަކައި އެ ހުރިހާ ކަމެއް ކުރަން މަސައްކަތް މި ކުރަނީ. މި ކުލަބުން ވެސް ވަނީ އަހަރެންނަށް ވަރަށް ގިނަ ކަންކަން ކޮށްދީފައި. އެކަމަކު ސަޕޯޓަރުންނަށް އެ މީހުންގެ ހައްގު ވެސް އޮންނާނެ. އަހަރެން އެކަން ގަބޫލު ކުރަން. އެކަމަކު އަހަރެން މަސައްކަތް މި ކުރަނީ އިތުރަށް ރަނގަޅު ކުރަން. އެކަން ވެސް ގަބޫލު ކުރަންވާނެ،" ވިނީޝިއުސް ބުންޏެވެ.

އޭނާ ބުނީ ކުރީގެ ކޯޗު ޒަބީ އަލޮންސޯގެ ދުވަސްވަރު އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށާއި ނަމަވެސް އޭނާ އަށް ގިނައިން ބޯޅަ ލިބޭނަމަ ޔަގީނުން ވެސް ކުޅުން ރަނގަޅުވާނެ ކަމަށެވެ.

ކޯޗު ކަމުން އަލޮންސޯ ވަކިކޮށް މިހާރުގެ ކޯޗަކީ ކުރީގެ ޑިފެންޑަރު އަލްވާރޯ އާބެލޯއާ އެވެ. އޭނާ ވަނީ ވިނީޝިއުސް އޭނާގެ މޮޅު ކުޅުން އަލުން ދައްކާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބުނެފަ އެވެ. މި ގޮތުން އާބެލޯއާ ވަނީ ވިނީޝިއުސް ރުއްސުމަށް އޭނާ އަށް ކުރިއަށްވުރެ ބޮޑު ފްރީ ރޯލެއް ދީފަ އެވެ.

ވިނީޝިއުސް އާއި ރެއާލް މެޑްރިޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރާ ހަމައަށް އެބައޮތެވެ. މި އެއްބަސްވުން އާ ކުރަން ރެއާލް އިން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. މީގެ އެއް ސަބަބަކީ އޭނާ ގަތުމަށް ސައޫދޫ އަރަބިއާގެ ސަރުކާރުގެ ބައިވެރިވުމާއެކު ބޮޑު އަގަކާއި ބޮޑު މުސާރައެއް ހުށަހަޅާފައިވުމެވެ.