ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
— Dr Mohamed Muizzu (@MMuizzu) January 22, 2026
ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ… pic.twitter.com/6KY20Bcbap
އައިންތު މިސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ. ނިޔާވީއިރު އުމުރުފުޅަކީ 58 އަހަރެވެ.
އައިންތު މިސް ވަނީ ދިވެހި ބަސް އުނގަންނައިދިނުމުގައި 34 އަހަރު ހޭދަކުރައްވާފައިފައެވެ. އައިންތު މިސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރައްވާފައެވެ.
އައިންތު މިސްއަކީ އެންމެންނާވެސް ގުޅޭ ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ދަންނަ ފަރާތްތަކުން ސިފަކުރައްވައެވެ. އަދި މިއީ ދިވެހި ބަހަށް ވަރަށް ބޮޑަށް ލޯބި ކުރެއްވި ކަނބަލެއްގެ ގޮތުގައި ދިވެހި ބަހުގެ މާހިރުން ސިފަކުރައްވައެވެ.
އައިންތު މިސްގެ ކަށު ނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.