600 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުޅިވަރު ވުޒާރާއިން ރާއްޖޭގައި އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ 232 މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ޚަރަދުތަކެއް ކުޑަވެގެންދާނެކަމަށާއި މިއީ މުސްތަގުބަލަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ މަގުސަދުގައި ރާއްޖޭގެ މީހުން މީހުން ކޮންމެ ރަށެއްގައި ސަރުކާރުން ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އިތުރުން އައުޓްޑޯ ޖިމެއް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫޢެއް ފައްޓަވާފަވާއިރު މި މަސައްކަތުގެ ބަޖެޓަކީ ކިތަންމެ ބޮޑު ޚަރަދެއްކަމަށްވީ ނަމަވެސް މިއީ މުސްތަގުބަލަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަމަށް ކުޅިވަރު ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
"ބަޖެޓް ބޮޑުކަމުގައިވީ ނަމަވެސް މިއީ އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު އިންވެސްޓްމަންޓެއް. ދުނިޔޭގެ އެވްރެޖްކޮށް ކޮންމެ ގައުމެއްގައިވެސް ފިޒިކަލް އެކްޓިވިޓީ ޕްރޮމޯޓްކުރަން ނޫނީ ފިޒިކަލް އެކްޓިވިޓީ ކުރިއަށް ގެންދަން ޚަރަދުކުރާ އެއް ރުފިޔާއަކީ މުޅި ދައުތަލަށް ސޭވްވާ ތިން ރުފިޔާ އޮން އެން އެވްރެޖް އިނގޭތޯ. ދެން ރާއްޖެއަށް ބެލިކަމުގައިވާކަމަށްވެއްޖިއްޔާ އެ އަދަދު އަދި މައްޗަށް އެބަދޭ. ގާތްގަނޑަކަށް ހަ ރުފިޔާ އެބަ ސޭވް ވޭ. އެހެން އެވާ ސަބަބަކީ އެހެން ދާއިރާތަކުން ޚަދަރުކުރަންޖެހޭ ޚަރަދު ބޮޑުވުން ފިޓް ނޫން ނަމަ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ކުޅިވަރު ވުޒާރާގެ މަސައްކަތްތައް ކުރިއަށްދާނީ ކުޅިވަރާއި، ފިޓްނެސްގެ އިތުރުން ރެކްރިއޭޝަންވެސް ހިމެނިގެންކަމަށެވެ. މި ތިން ކޮމްޕޯނެންޓަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅާ ކަމަކަށްވާއިރު، ކުޅިވަރު ވުޒާރާގެ އަމާޒަކީ ދުޅަހެޔޮ ސިއްހަތެއް ކުދި ބޮޑު އެންމެންނަށް ހޯދައިދިނުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިނިސްޓްރީއަށް މިކިޔަނީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން. މާނައަކީ މި ތިން ކޮމްޕޯނެންޓު ހިމެނޭގޮތަށް އަޅުގަނޑުމެންގެ އެކްޓިވިޓީސްތައް ކުރިއަށް ގެންދާނީ. ސަބަބަކީ ދުޅަހެޔޮ ސިއްހަތެއް ކުދިބޮޑު އެންމެންނަށް ހޯދައިދިނުމާއި އަދި އަޅުގަނޑުމެންގެ ކުދިން، އެތުލީޓުން ފިޓްނެސް މެއިންޓެއިން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައިވާތީވެ. އެހެންވެ އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ ވަރަށް ބޮޑުވެގެން މިދިޔައީ. އެއަށް ބޭނުންވާ އިންވެސްޓްމެންޓް ކޮންމެ ރަށެއްގައި ހުންނަންޖެހޭތީވެ" ވަޒީރު ވިދާޅުވިއެވެ.
ދެ ގުނަ ބޮޑު ކުޅިވަރު ބަޖެޓުގެ ސަބަބުން އެހެނިހެން ދާއިރާތަކުން ބޮޑުތަނުން ޚަރަދު ކުޑަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިންވަރަށްވުރެ މަތިވެފައިވާ މީހުންކަމަށާއި މިކަމުގެ ސަބަބުން ތަފާތު ބަލިތަކަށް މީހުން ހުށަހެޅެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖެއަކީ ފަލަ މީހުން ވަރަށް ގިނަ ގައުމެއް. ޑަބްލިއުއެޗްއޯގެ ޑޭޓާތަކުން ދައްކާގޮތުގައި 50 އިންސައްތައަށްވުރެ ގިނަ މީހުންގެ ބަރުދަން ބޮޑު ހުންނަންޖެހޭ މިންވަރަށްވުރެ. ގައިންގަޔަށް ނާރާ ބަލިތައް އަންނަނީ ގިނަވަމުން އެއްދުވަހުން އަނެއްދުވަހަށް. މެންޓަލް އެކިއެކި މައްސަލަތައް ރާއްޖޭގައި ދަނީ ގިނަވަމުން. އެހެންވީމަ މިކަންކަމަށް އަޅުގަނޑުމެންނަށް އެޑްރެސްކުރެވޭނެ ބޮޑު ވަސީލަތްތަކެއް މި ގާއިމުކުރެވެނީ" ވަޒީރު ވިދާޅުވިއެވެ.
އަލަށް ގާއިމުކުރެވިގެންދާ ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކުގެ ސަބަބުން ގައިންގަޔަށް ނާރާ ބަލިތަށް ކޮންޓްރޯލްކުރެވި ނަފްސާނީ ގޮތުން ދުޅަހެޔޮ އާބާދީއެއް ރާއްޖޭގައި އުފެދިގެންދާނެކަމަށް ގަބޫލުރައްވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ. ކަސްތަރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދާ ބިޔަ މަޝްރޫޢު ވަޒީރު ސިފަކުރެއްވީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.
"ރެގިއުލާކޮށް އެކްސަސައިޒްކުރާކަމަށް ވެއްޖިއްޔާ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުވުމަށް ވަރަށް ބޮޑު ބާރަކަށްވޭ. އެކަމަށްކުރާ ހޭދަ ވަރަށް ބޮޑު. އެހެންވީމަ އެ ހޭދަ އަޅުގަނޑުމެންނަށް ކުޑަކުރެވިގެން މިދަނީ މި ވަސީލަތްތަކުގެ ޒަރީއާއިން. މިއީ އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް" ވަޒީރު ވިދާޅުވެފަވެއެވެ.
ރާއްޖޭގެ އާބާދީ އަކީ ސިއްހީގޮތުން ދުޅަހެޔޮ އާބާދީއަކަށް ހެދިއްޖެނަމަ ދައުލަތުގެ އެހެނިހެން ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާއިރު، މިކަމުގެ ސަބަބުން އިޖުތިމާއީ ގުޅުންތައް ވަރުގަދަވެ ނަފްސާނީގޮތުން ދުޅަހެޔޮ އުފާވެރި ތަނަކަށް ރާއްޖެވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މި އަމާޒަށް ވާސިލްވުމަށްޓަކައި އަޅަމުންދާ ފިޓްނެސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތަކަކީ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން ގާއިމުވެގެންދާ ވަސީލަތްތަކެއްކަމަށް ވަޒިރުވަނީ ވިދާޅުވެފައެވެ.
"މީގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ އެހެނިހެން ގޮތްގޮތުން. އެކިއެކި ބަލިތަކުންނާއި މެންޓަލީ މީހާ ފިޓްކުރުމުގައި ބޭނުންވާ ކަންތައްތަކާއި އޭގެ އިތުރުން އަޅުގަނޑުމެންގެ ކޮމިއުނިޓީ ތެރޭގައި އެކެއް އަނެކަކާއި އޮންނަ ގުޅުން ބަދަހިވެގެންދާކަމެއް. އެއްތަނަކަށް އައިސް ކަސްރަތުކޮށް، ކުޅިވަރު ކުޅެ އެއްތަނަކަށް ޖަމާވެގެން މީހުންތަކެއް އުފާވެރިކަންމަތީގަ ވަގުތުތައް ހޭދަކުރާކަމަށްވެއްޖިއްޔާ އެބަޔެއްގެ މެދުގައި އެކުވެރިކަން އާލާވެގެންދާނެ. މިއީ ވަރަށް ބޮޑު އިންވެސްޓްމެންޓެއް އަޅުގަނޑުމެންނަށް ކުރެވޭ. މީގެ ސަބަބުން މުޅި ސޮސައިޓީ އިރާދަކުރެއްވިއްޔާ އެއްދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަށް" ވަޒީރު ވިދާޅުވިއެވެ.
ކޮންމެ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދާކަމަށް ވަޒީރު މައުލޫމާތުދެއްވިއެވެ. އެހެންނަމަވެސް މަދު ރަށެއްގައި ބިމުގެ ދަތިކަން ހުރުމާއި ބިން ނުލިބުން ފަދަ މައްސަލަތައް ހުރުމުގެ ސަބަބުން މިމަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެހެންނަމަވެސް ސަރުކާރުގެ ވައުދާއި އެއްގޮތަށް މި މަޝްރޫޢު ކުރިއަށްދާނެކަމުގެ ޔަގީންކަން ވަޒީރުވަނީ ދެއްވާފައެވެ.