ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 12 ލަނޑު ފެނިގެން ދިޔަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ. ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިއު ކާމިޔާބު ކުރީ 8-4 ލަނޑުންނެވެ.
މި ނަތީޖާ އެކު ނިއުރޭޑިއަންޓު ވަނީ 16 މެޗުން ހޯދި 33 ޕޮއިންޓާ އެކު ތާވލުގެ ތިންވަނައިގަ ހަމަޖެހިލާފައެވެ. ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ނިއު އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އީގަލްސްގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގެ ފަށައިގެން ހަތަރު ވަނަ މިނިޓުގައި ނިއުއަށް ގޯލު ހުޅުވާލަ ދިނީ ބިދޭސީ މިޑްފީލްޑަރ އަބްދުލްﷲ ބިލިޓީ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ބިލިޓީ ލަނޑުޖެހިތާ 6 މިނިޓް ފަހުން އީގަލްސް އިން ނަތިޖާ ހަމަހަމަ ކުރީ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ އީގަލްސްގެ އިބްރާހިމް ލެބޭ އޭރިއާތެރެއިން ގޯލަށް ވައްދާލި ބޯޅައިންނެވެ. މެޗުގެ 15 ވަނަ މިނިޓުގައި ނިއުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބިލިޓީއެވ.
ނިއުއިން ލީޑު އިތުރަށް ފުޅާކޮށް ތިންވަނަ ލަނޑު ކާމިޔާބު ކުރީ ބްރެޒިލްގެ ޑި ސިލްވަރަ ދިން ބޯޅައެއްގަ އަލީ ފާސިރެއެވެ. ފާސިރު މި ލަނޑު ޖެހީ މެޗުގެ 34 ވަނަ މިނިޓުގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ ހަތަރު ވަނަ ލަނޑު އަލް ހާޖީ ގެރޯ ކާމިޔާބުކުރީ ލިބުނު ކޯނަރެއް ގޯލަށް ވައްދައިލައިގެންނެވެ.
އީގަލްސްގެ ދެވަނަ ލަނޑު ޔޫސުފް ސިދާމް އަލީ ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި އީގަލްސްގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދައިލައިގެންނެވެ.
ނިއުގެ ފަސް ވަނަ ލަނޑު ޑިސިލްވާ ކާމިޔާބުކޮށްދިނީ މެޗު 56 ވަނަ މިނިޓުގައެވެ. މިއީ ހާޖީ ދިން ބޯޅައަކުން އޭނާ ކާމިޔާބުކޮއްދިން ލަނޑެކެވެ. އީގަލްސް އަށް ތިން ވަނަ ލަނޑު އިބްރާހިމް މަހުދީ ކާމިޔާބުކޮށްދިނީ މެޗުގެ 65 ވަނަ މިނިޓުގައެވެ.
ނިއުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީ އަލީ އަޝްފާގުއެވެ. އަޝްފާގް މި ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނިޓުގައެވެ. މިއީ 2021 ވަނަ އަހަރު ފަހު ރަސްމީ ދަނޑުގައި އަޝްފާގު ޖެހި ފުރަތަމަ ލަނޑެވެ. ޖެހިގެން އައި މިނިޓުގައި ނިއުގެ ހަތް ވަނަ ލަނޑު އަޝްފާގު ދިން ބޯޅައަކުން ކާމިޔާބު ކުރީ އަލީ ފާސިރުއއެވެ.
އީގަލްސް އިން ޖެހި ހަތަރުވަނަ ލަނޑަކީ 85 ވަނަ މިނިޓުގައި ލިބުނު ޕެނެލްޓީ އަކުން އަލީ ހާފިޒް ކާމިޔާބުކޮއްދިން ލަނޑެކެވެ. މެޗުގެ ފަހު ލަނޑު ނިއުގެ 8 ވަނަ ލަނޑު އަޝްފާގު ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނިޓުގައެވެ.