ޚަބަރު

ބީފާން 2026: ފިޔޯރި ބަލިކޮށް ޗެމްޕިއަންކަން ފުނާޑަށް


  • ފުނާޑުން ފިޔޯރީގެ މައްޗަށް ކުރި ހޯދީ 3-1 ސެޓުން

  • ބީފާނު ވޮލީ މުބާރާތަކީ ފިޔޯރި ކައުންސިލާ ފޭސް ޖަމިއްޔާއިން ކުރިއަށް ގެންދާ މުބާރާތެއް

  • ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަހާ

ގދ. ފިޔޯރީގައި ކުރިއަށްދާ ބީފާން 2026 ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން، ފުވައްމުލަކުގެ އެކުވެރި ފުނާޑުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަން ފުނާޑުން ހޯދާފައިވަނީ ފައިނަލުގައި ފިޔޯރީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

މި މެޗުގައި، ރާއްޖޭގެ ޤައުމީ ވޮލީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން ވެސް މި މުބާރާތުގައި ފެނިފައިވެއެވެ. އެގޮތުން އާމިނަތު ޝަހާ ޝާމިން، ޙައްވާ ރާޝިދާ އަދި ޢާއިޝަތު މާޖިދާ މި މެޗުގައި ކުޅެފައިވެއެވެ.

މެޗުގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ ފިޔޯރި ޓީމުންނެވެ. ބޮޑު ލީޑެއްގައި އޮވެ ފިޔޯރިން މި ސެޓު ފެށި ނަމަވެސް، ފުނާޑުން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކޮށްފައެވެ. ފިޔޯރިން މި ސެޓު ކާމިޔާބުކުރީ 23-25 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ގޭމް ޕޮއިންޓާ ހަމައިން ދެ ޓީމު އެއްވަރުވެފައި ވެސް ގިނަ ޕޮއިންޓުތަކެއް ކުޅެން ޖެހުނުއިރު، ފިޔޯރި ކުޅުންތެރިންނަށް ފަހުވަގުތު ހެދުނު ދެ ގޯހެއްގެ ފައިދާ ނަގައި މި ސެޓު 28-26އިން ކާމިޔާބުކުރީ އެކުވެރި ފުނާޑުންނެވެ.

ތިންވަނަ ސެޓުގައި ފިޔޯރި ޓީމުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ފަސޭހަކަމާއެކު ގެންދިޔައީ ވެސް ފުނާޑުންނެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 25-11 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ހަތަރުވަނަ ސެޓު ވެސް ވަރަށް ވާދަވެރިކޮށް ފެނިގެންދިޔައިރު މި ސެޓުގައި ވަރަށް ވަރުގަދަ ފައިޓެއް ފިޔޯރި ޓީމުން ދިން ނަމަވެސް، ފުނާޑުން މި ސެޓު ގެންދިޔައީ 25-22 އިންނެވެ.

ބީފާނު ވޮލީބޯޅަ މުބާރާތަކީ ފިޔޯރި ކައުންސިލުން އިންތިޒާމުކޮށްގެން، ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވާމަންޓް (ފޭސް) ޖަމިއްޔާއިން ކުރިއަށް ގެންދާ މުބާރާތެކެވެ. އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވަން ވަޑައިގެންނެވި ވަޒީރު ޑރ. މުއްތަލިބަކީ ފޭސް ޖަމިއްޔާގެ ރައީސްކަން މީގެކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

މެޗު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވަނީ، ކުޅިވަރަކީ އެއްބައިވަންތަކަމާއި އެކުވެރިކަން ވަރަށް ބޮޑަށް ބަދަހިވެގެންދާ ހަރަކާތެއްކަން ފާހަގަކުރައްވާފައެވެ. އަދި ފިޔޯރިއާ މާ ދުރުނޫން ހިސާބެއްގައި އޮތް ފުވައްމުލަކުގެ ދެ ޓީމެއް މުބާރާތުގައި ބައިވެރިވުން އެއީ، ކުޅިވަރުން އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިވެގެންދާ ކަމެއްކަން ހާމަވާ ކަމެއްކަން ވެސް އެމަނިކުފާނު ފާޙަގަކުރެއްވިއެވެ. އަދި މި ކަންކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

"ކުޅިވަރުން މި ބިނާކުރެވޭ އެކުވެރިކަމާއި އާލާކުރެވޭ ރޫހު، އާންމު ދިރިއުޅުމުގައި ވެސް އަދި އެހެން ކަންކަމުގައި ވެސް ބޭނުންކޮށް، ކަންކަމުގައި ބައިބައިނުވެ ކުރިއަށްދެވޭނެ މަގު ތަނަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއެ" އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ފޯރިގަދަކޮށް ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އެކުވެރި ފުނާޑުން ހޯދިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުން މޮޅުވި ފުނާޑުގެ ޝަހާއެވެ.

މުބާރާތުގެ ޑްރީމް ޓީމް ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ އެކުވެރި ފުނާޑުގެ ކުޅުންތެރިންނެވެ. އެއީ ނާދިޔާ ޔޫސުފާއި ޝަހާގެ އިތުރުން މަރިޔަމް ސަމާއާއި މަރިޔަމް އާމިރެވެ. މީގެއިތުރުން ޑްރީމް ޓީމުގައި ހިމެނެނީ ފިޔޯރީގެ އާއިޝަތު މާޖިދާއާއި ހައްވާ ރާޝިދާއެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ފުނާޑުގެ ނަވާ އިބްރާޙީމް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިއަކީ ފިޔޯރީގެ އާޝީ އަޝްފާގެވެ. އެންމެ މޮޅު ކޯޗަކީ ފުނާޑުގެ ޖުނައިދު ޢަބްދުﷲއެވެ.

މި މުބާރާތުގެ ރަށުން ބޭރު އެންމެ މޮޅު ކުޅުންތެރިއަކަށް އަދި އެންމެ ގިނަ ޕޮއިންޓު ހޯދި ކުޅުންތެރިއަކީ ފުނާޑުގެ ބިދޭސީ ކުޅުންތެރިޔާ ރޯޒާއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއަށްދޭ "ކުއީން އޮފް ބީފާނު" އެވޯޑު ލިބުނީ ފުނާޑުގެ މަރިޔަމް ސަމާއެވެ.