ދިރާގު ދިވެހި ޕްރިމިއަރ ލީގު ކާމިޔާބު ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި އިތުރު އެއްމެޗަށް އިންތިޒާރު ކުރަން ޖެހިއްޖެއެވެ.
ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ. މެޗުން މޮޅުވެގެން ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މާޒިޔާއަށް އޮތެވެ. މި ނަތީޖާއާއެކު މާޒިޔާ އެއްވަނައިގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 44 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮޑިއަށް ލިބިފައިވަނީ 15 މެޗުން 35 ޕޮއިންޓެވެ.
ގަލޮޅު ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން 9 ވަނަ މިނިޓުގައި މާޒިޔާގެ ހަމްޒާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެއެވެ.
މާޒިޔާއިން ލަނޑުޖަހައި ލީޑު ނެގީ ކޯނަރެއްގައި އޭރިއާ ބޭރަށް އައި ބޯޅައެއް ނާއިޒު ހަސަން އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުންނެވެ. މި ލަނޑު ނާއިޒް ޖެހީ މެޗުގެ 12 ވަނަ މިނިޓުގައެވެ.
ބުރުން ނަތިޖާ ހަމަހަމަ ކުރީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ބުރުގެ ބިދޭސީ ފޯވާޑް ހުޑްސަން ޑިއަސް ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެފަހުން ހަމްޒާ އާއި މާޒިޔާގެ ބިދޭސީ ފޯވާޑް ސާޖިއޯ މެންޑީއަށް ވެސް ލަނޑުޖަހަން ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިތުރު ވަގުތުގައި ހަމްޒާއަށެވެ. އޭރިއާ ތެރެއިން ހަމްޒާ ފޮނުވާލި ބޯޅަ އަމާޒު ނުވިއިރު އިތުރު ވަގުތުގައި ބުރުގެ އަބްދުﷲ ޔާމިން ފޮނުވާލި ބޯޅަ ދިއައީ ދަނޑިކައިރިން ބޭރަށެވެ.
މިއީ މޮޅެއް ނުހޯދި ލީގުގައި މާޒިޔާ ނިންމާލި ދެވަނަ މެޗެވެ.