ޚަބަރު

"ބޭނުންވަނީ ވަސީލަތް، ދާދި އަވަހަށް ފުޓްސަލް ކޮންމްޕްލެކްސް މަސައްކަތް ފެށޭނެ"


  • ފުޓްސަލް އިތުރަށް ކުރިއެރުވުމަށް ބޭނުންވަނީ ވަސީލަތް ގާއިމުކުރުން

  • ސާފް ފުޓްސަލް ޗެމްޕިއަންޝިޕްްގައި ރާއްޖޭގެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ރާއްޖޭގެ ފުޓްސަލް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ވަސީލަތް ގާއިމުކުރުން ކަމަށާއި ވަރށް ބޮޑު އއިސްކަންދެއްވައިގެން އެކަން ކުރިޔަށް ގެންދަވާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

ތައިލޭންޑުގެ ނޮންތަބުރީ ސްޓޭޑިއަމްގައި ހުންނަވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިއްޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްްގައި ރާއްޖޭގެ ފުޓްސަލް ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން ކަމަށެވެ.

“ރައީސުލްޖުމްހޫރިއްޔާގެވެސް ވައުދުފުޅެއް ފުޓްސަލް ކޮންމްޕްލެކްސްއެއް އެޅުން. އެކަމަށް ބޭނުންވާ ބިންވެސް ކަނޑައަޅާ މިދިޔަ އަހަރު އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން މިހާރު ވަނީ ފަންޑިން ހަމަޖެހުމުގެ ވަރަށް ގާތުގައި. އިރާދުކުރެއްވިއްޔާ އެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެ” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސާފްގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ވާހަކަދެއްކުމުން އެ ބޭފުޅުންވެސް ރާއްޖޭގެ ފުޓްސަލްއަށް އެހީތެރިވާން ބޭނުންފުޅުވާކަން އެނގިއްޖެ ކަމަށެވެ.

“އިރާދުކުރެއްވިއްޔާ ފުޓްސަލް ޕިޗެއްވެސް އެބޭފުޅުންގެ ފަރާތުން ލިބުމަކީ ވަރަށް ގާތުގައި އޮތް ކަމެއް. އެކަމަށް ހަމަ ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް އެކަންވެސް ހާސިލުވާނެ ކަން” ވަޒީރު ވިދާޅުވިއެވެ.

އެފްއޭއެމުން މިވަނީ ފުޓްސަލް ޤައުމީ ލެވެލެއްގައި ގަބޫލުކޮށްފައި ކަމަށާއި ކުރިޔަށް އޮތްތަނުގައި ގައުމީ ފުޓްސަލް މުބާރާތްތައް ބޭއްވި ފުޓްސަލް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ގައުމީ އެހެން ކުޅިވަރު ޓީމުތަކަށް ސަރުކާރުން ދެއްވާ އެއްބާރުލުން ފުރިހަމަ ގޮތުގައި ފުޓްސަލްޓީމަށްވެސް ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވަރަށް ފުރިހަމަ ކާމިޔާބީއެއް ދިވެހި ޓީމުން ހޯދަމުންދާ ކަމަަށާއި، ފުކުރިޔަށްދާއިރު މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލް ޓީމުން ހޯދަމުންދާ ކާޟިޔާބީއާމެދު ވަރަށް އުފާކުރައްވާ ކަމަށްވެސް ވަޒީރު ރާފިއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުޓްސަލް އެހެން ލެވެލަކަށް ގެންދަން ފީފާ އާއި އޭއެފްސީން މަސައްކަތް ކުރައްވާ ވަގުތެއްގައި ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންގެ ހުނަރާއި ގާބިލުކަން މިއޮތީ ވަރަށް ބޮޑަށް ފެނިފައި ކަމަށެވެ. މިއީ މުޅި ރީޖަނުގެ ލޯ ރާއްޖެއަށް ހުއްޓޭނެ ވަގުތެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.