ޚަބަރު

އަމާން ދޯދި 1ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ފަތުރާ ވާހަކަތައް ދޮގުކޮށްފި


  • އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުުރުގެ ވަގުތެއްގައި

  • ހަގީގަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރެއްވި

ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީއިން ހުޅުމާލޭގައި ތަރައްޤީކުރި 4000 ފްލެޓުގެ ތެރެއިން 'ދޯދި 1' ހައުސިން ކޮމްޕްލެކްސްގައި މިއަދު މެންދުރުގެ ވަގުތެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވެ، އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި މިހާރު އެ ސަރަހައްދު ވަނީ ރައްކާތެރިކުރެވި، ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ އިންސްޕެކްޝަންތައް ފަށާފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ހާދިސާއާ ގުޅިގެން އެފްޑީސީިއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ހާއްސަކޮށް، އިމާރާތުގެ ވެންޓިލޭޝަން ޝާފްޓްތަކާއި ކުނި އުކާލުމުގެ ނިޒާމާ ގުޅުވައިގެން ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން، ކަށަވަރުނުކުރެވޭ މައުލޫމާތު ނުފެތުރުމަށާއި، މިފަދަ ހާދިސާތައް ކުރިމަތިވެދާނެ ފަދަ ކަންކަމުން ދުރުހެލިވެ، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެފްޑީސީން ވިދާޅުވީ، މި ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރަމުންދާނެ ކަމަށެވެ. އަދި ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށް އެދިފައެވެ.