ކުޅިވަރު

އިންޑިޔާގައި ކުޅެން ޖެހޭނަމަ ބަނގްލަދޭޝް ވޯލްޑްކަޕް ބޮއިކޮޓް ކުރަނީ


އަންނަ މަހު އިންޑިޔާގައި ފަށަން ހަމަޖައްސާފައިވާ ޓުވެންޓީ20 ވޯލްޑްކަޕް ކްރިކެޓް މުބާރާތް ބަނގްލަދޭޝްއިން ބޮއިކޮޓް ކޮށްފި އެވެ.

ބަނގްލަދޭޝް ސަރުކާރުން ބުނީ އެ ގައުމުން މި މުބާރާތް ކުޅޭނެ ހަމައެކަނި ގޮތަކީ އިންޑިޔާ ނޫން ގައުމަކަށް މެޗުތައް ބަދަލު ކުރުން ކަމަށެވެ. ނަމަވެސް މި ހުށަހެޅުން އިންޓަނޭޝަނަލް ކްރިކެޓް ބޯޑް (އައިސީސީ) އިން ވަނީ ގަބޫލު ނުކޮށްފަ އެވެ.

އިންޑިޔާ އަށް ނުދާން ބަނގްލަދޭޝް ނިންމީ ފުރިހަމަ މެހުމާންދާރީ އާއި ސަލާމަތްތެރިކަން ނުލިބިދާނެ ކަމުގެ ބިރަށްޓަކަ އެވެ. މީގެ މައިގަނޑު ސަބަބަކީ އިންޑިޔާގެ އައިޕީއެލް ކުޅެން އެ ގައުމަށް ޑިސެމްބަރު މަހު ދިޔަ ބަންގްލަދޭޝްގެ ބާރު އުކުންތެރިޔާ މުސްތަފިޒުރު ރަހުމާނަށް އިންޑިޔާގެ ހިންދޫން ބިރު ދައްކައި އޭނާ އިންޑިޔާއިން ފޮނުވާލުމުންނެވެ.

މުސްތަފިޒުރަކީ 1.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އައިޕީއެލް ކުޅުވަން އިންޑިޔާގެ ކުލަބަކުން ސޮއިކުރުވި ކުޅުންތެރިއެކެވެ. ނަމަވެސް ހިންދޫ މެޖޯރިޓީ އޮންނަ އިންޑިޔާއިން މުސްލިމުން ކޮންޓްރޯލް ކުރާ ބަނގްލަދޭޝްގެ ކުޅުންތެރިއަކާ ދިމާކޮށް ގައުމުން ބޭރުކޮށްލުމުން ބަންގްލަދޭޝް ސަރުކާރުން ބުނަނީ ރައްކާތެރިކަން ނެތްތަނަކަށް އެ ގައުމުގެ ކުޅުންތެރިން ނުފޮނުވާނެ ކަމަށެވެ.

"އަހަރުމެންގެ ނިންމުން ބަދަލުވާނެ އެއްވެސް ގޮތެއް ނެތް. އަހަރެން ގަބޫލު ކުރަނީ މި ކަމުގައި އައިސީސީ އަށް އަހަރުމެންނަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށް. ސަލާމަތީ ސަބަބުތަކަށްޓަކައި މި މެޗުތައް އެހެން ގައުމެއްގައި ކުޅެވޭނެ ހުރިހާ ފުރުސަތެއް އެބައޮތް. އަހަރުމެންނަށް ހަގީގަތުގައި ވެސް ސެކިއުރިޓީގެ ކަންބޮޑުވުން އެބައޮތް. އަހަރުމެން (އަދިވެސް) އުއްމީދު ކުރަން އައިސީސީން އަހަރުމެންގެ ކަންބޮޑުވުމާމެދު ވިސްނާފައި އަހަރުމެންގެ މެޗުތައް ސްރީލަންކާގައި ކުޅެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް،" ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ އޮފިޝަލް އާސިފް ނަޒަރުލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިޔާގައި ހުއްޓައި ބަނގްލަދޭޝްގެ ކުޅުންތެރިއަކަށް ދިމާވި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންޑިޔާގެ ކްރިކެޓް ބޯޑަށް އެއްވެސް ފިޔަވަޅެއް އަދި ރައްކާތެރިކަމެއް ހޯދައިނުދެވުނު އިރު ބޮޑު މުބާރާތެއް ކުޅެން އެ ގައުމަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ހަރުކަށި (ހިންދޫން)ގެ ސަބަބުން އަހަރުމެންގެ ކުޅުންތެރިއަކު އިންޑިޔާއިން ދާން ޖެހުނީ. އެތަނުގައި (ވޯލްޑްކަޕް) މެޗުތައް ކުޅެން މިޖެހެނީ. މިހެންވެ އެ މީހުންގެ ފުލުހުންނާއި ސެކިއުރިޓީ އެޖެންސީތަކުން އަހަރުމެންގެ ކްރިކެޓް ކުޅުންތެރިންނަށް ފުރިހަމަ ރައްކާތެރިކަން އޮތްކަން ކަށަވަރުކޮށްދޭން ޖެހޭނެ،" އާސިފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގައި އިންޑިޔާ ދެކެ ބިރުން އައިސީސީން ދައްކާ އެއްވެސް ވާހަކަ އެއް އަޑުނާހާނެ ކަމަށެވެ. އަދި މި ނިންމުމަކީ ބަނގްލަދޭޝްގެ ސަރުކާރުގެ ނިންމުމެއް ކަމަށާއި މިއީ އެއްގޮތަކަށް ވެސް ކުޅުންތެރިންގެ ނިންމުމެއް ނޫން ކަމަށެވެ.

ބަނގްލަދޭޝް އާއި އިންޑިޔާއާ ދެމެދު ސިޔާސީ ހިތްހަމަނުޖެހުންތަކެއް ވެސް އެބައުޅެ އެވެ. އޭގެ ސަބަބަކީ ބަނގްލަދޭޝްގެ ރައްޔިތުންގެ ނުކުމެ މުޒާހަރާކޮށް ސަރުކާރު ވައްޓާލުމުން އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައިވާތީ އެވެ. ހަސީނާ އެނބުރި ގައުމަށް ފޮނުވައި ދެއްވުމަށް ބަނގްލަދޭޝްއިން ތަކުރާރުކޮށް އެދުނު ނަމަވެސް އިންޑިޔާ ސަރުކާރުން މިކަމަށް އިޖާބަ ނުދޭ މައްސަލަ ވެސް ބޮޑެވެ.

ޓުވެންޓީ20 ވޯލްޑްކަޕް އިންޑިޔާގައި ބާއްވާއިރު އެ ގައުމުގައި މެޗުތައް ނުކުޅެން ޕާކިސްތާނުން ވެސް ވަނީ ނިންމާފަ އެވެ. މާކުރިން ނިންމާފައިވާ މި ނިންމުމާއެކު ޕާކިސްތާނުގެ މެޗުތައް ކުޅެން އައިސީސީން ހަމަޖައްސާފައިވަނީ ސްރީލަންކާގަ އެވެ. މިދިޔަ އަހަރު ޕާކިސްތާނުގައި ބޭއްވި އޭޝިޔާ ކަޕް ކުޅެން އެ ގައުމަށް ދިއުމަށް އިންޑިޔާއިން ވެސް ދެކޮޅު ހެދި އެވެ. މިހެންވެ އެ މުބާރާތުގައި އިންޑިޔާ ކުޅުނު ހުރިހާ މެޗުތައް ބަދަލު ކުރީ ޑުބާއީ އަށެވެ.