ދިވެހި ސަޕޯޓަރުން ތިބީ ގައުމީ ފުޓްސަލް ޓީމުން ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާނެ ކަމުގެ އުންމީދުގައި ގައުމީ ޓީމާއެކުގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައްޓަށް ކުރާ އުންމީދުގައި ތިބި ސަޕޯޓަރުން ތިބީ ރާއްޖެއިން މެޗު ކާމިޔާބުކުރާނެ ކަމުގެ އުންމީދުގައެވެ. މިއަދު ބޫޓާނާއި ދެކޮޅަށް ރާއްޖެއިން ނިކުންނާނީ 15:00ގައެވެ. މެޗުގެ ކުރިން ޓީވީއެމްއާއި ޔޭސް ޓީވީއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޚާއްޞަ ކަވަރޭޖް މިއަދު 14:30ގައި ފަށާނެއެވެ.
ގައުމީ ފުޓްސަލް ޓީމުން ބުނީ ސާފް ފުޓްސަލް ޗެމްޕިއަންޝީޕްގެ ފުރަތަމަ ތަށި ގެންނާނީ ރާއްޖެއަށް ކަމަށެވެ. އަދި މިއަދުގެ މެޗުން މޮޅުވާން ހުރިހާ ކުޅުންތެރިންވެސް އަޒުމު ކަނޑައަޅައިގެން ތިބިއިރު މި މެޗުގައި ސަޕޯޓަރުން އުފާވާވަރުގެ މޮޅު ކުޅުމެއް ދައްކާނެ ކަމަށް ޓީމުން ބުނެއެވެ.
ގައުމީ ޓީމާއެކު ތިބި ސަޕޯޓަރުން އަންނަނީ މިއަދުގެ މެޗު ބެލުމުގެ އިންތިޒާމުތައް ފޯރީގައި ކުރިޔަށް ގެންދިއުމަށް އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީންތައް ބަހައްޓާ ގިނަ ބަޔަކު ޖަމާވެގެން މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން އެކި ރަށްރަށުގައިި ފޯރީގައި މިއަދުގެ މެޗަށް ސަޕޯޓަރުން ތައްޔާރުވާއިރު މިއަދު ރާއްޖޭގެ ޓީމަށް ހިތްވަރު ދިނުމަށް ތައިލޭންޑްގެ ނޮންތަބުރި ސްޓޭޑިއަމަށްވެސް ގިނަ އަދަދެއްގެ ދިވެހިން ޖަމާވާނެއެވެ.
ޖޯޝާއި ފޯރީގައި ގައުމީ ޓީމަށް ހިތްވަރު ދިނުމަށް ތައްޔާރަށް އޮތް ސަޕޯޓަރުން ބުނީ މިއީ ދިވެހިންގެ ފަހަރު ކަމަށާއި މި ތަށި ރާއްޖޭން އުފުލާލާނީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ކަމަށެވެ.
ތައިލޭންޑްގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން އަންނަނީ މޮޅުކުޅުމެއް ދައްކަމުންނެވެ. މުޅި ސަރަހަދުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތް ނިންމާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ސަޕޯޓަރުންގެ ދައުރު ބޮޑުއިރު ހުރިހާ ދިވެހިން ވެސް ތިބީ ގައުމީ ޓީމުން މި މުބާރާތުގައި ހޯދަމުން އަންނަ ކާމިޔާބީއާމެދު ވަރަށް ބޮޑަށް ފަހުރުވެރިވެފައެވެ.
މިއަދު ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗުގެ ކުރިން ބައެއް ސަޕޯޓަރުން ވަނީ އެ މީހުންގެ ޝުއޫރުތައް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށްފައެވެ. ގައުމީ ޓީމާމެދު ފަހުރުވެރިވާ ކަމަށާއި ގައުމީ ޓީމާމެދު އެއްވެސް ސުވާލެއް ނުވަތަ ޝައްކެތް ނެތްކަމަށް ސަޕޯޓަރުން ބުނެއެވެ. އަދި ސަރަހައްދީ ގަދަ ބާރުތައް ފަހަތަށް ޖައްސާލަ ބަންގްލަދޭޝް، ޕާކިސްތާނު އަދި އިންޑިޔާ ފަދަ ގައުމުތައް ބަލިކޮށް ރާއްޖެއިން ދައްކަމުން އަންނަނީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމަކީ ރާއްޖެކަމެވެ.
ރާއްޖެއަށް މިއަދުވެސް މެޗު ކާމިޔާބު ކުރެވިއްޖެއްނަމަ މުބާރާތުގެ ތަށި ކަށަވަރުވާނެއެވެ.