ކުޅިވަރު

ޓުވެންޓީ20 ކްރިކެޓް ވޯލްޑްކަޕުގެ ބަނގްލަދޭޝްގެ ޖާގަ ސްކޮޓްލޭންޑަށް


  • ބަނގްލަދޭޝް މުބާރާތުން ވަކިވީ އިންޑިޔާގައި ނުކުޅެން ވެގެން

ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުން ވަކިވާން ބަނގްލަދޭޝް ނިންމުމުން އެ ޖާގަ ސްކޮޓްލޭންޑަށް ދޭން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް އައިސީސީން ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

މި މުބާރާތުން ވަކިވާން ބަނގްލަދޭޝް ނިންމީ މުބާރާތް އިންޑިޔާގައި ކުޅެން ޖެހޭތީ އެވެ. ބަނގްލަދޭޝްއިން އެދުނީ އެ ގައުމު މުބާރާތުގައި ކުޅޭނެ ހަމައެކަނި ގޮތަކީ މެޗުތައް އެހެން ގައުމަކަށް ބަދަލުކޮށްދިނުން ކަމަށެވެ. މި ގޮތުން ބަނގްލަދޭޝް އެދުނީ އެ ގައުމުގެ މެޗުތައް ސްރީލަންކާ އަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް އައިސީސީން ވަނީ މި ހުށަހެޅުން ގަބޫލުނުކޮށްފަ އެވެ.

އިންޑިޔާ އަށް ނުދާން ބަނގްލަދޭޝް ނިންމީ ފުރިހަމަ މެހުމާންދާރީ އާއި ސަލާމަތްތެރިކަން ނުލިބިދާނެ ކަމުގެ ބިރަށްޓަކަ އެވެ. މީގެ މައިގަނޑު ސަބަބަކީ އިންޑިޔާގެ އައިޕީއެލް ކުޅެން އެ ގައުމަށް ޑިސެމްބަރު މަހު ދިޔަ ބަންގްލަދޭޝްގެ ބާރު އުކުންތެރިޔާ މުސްތަފިޒުރު ރަހުމާނަށް އިންޑިޔާގެ ހިންދޫން ބިރު ދައްކައި އޭނާ އިންޑިޔާއިން ފޮނުވާލުމުންނެވެ. މުސްތަފިޒުރަކީ 1.5 މިލިއަން އޮސްޓްރޭލިއަން ޑޮލަރަށް އައިޕީއެލް ކުޅުވަން އިންޑިޔާގެ ކުލަބަކުން ސޮއިކުރުވި ކުޅުންތެރިއެކެވެ. ނަމަވެސް ހިންދޫ މެޖޯރިޓީ އޮންނަ އިންޑިޔާއިން މުސްލިމުން ކޮންޓްރޯލް ކުރާ ބަނގްލަދޭޝްގެ ކުޅުންތެރިއަކާ ދިމާކޮށް ގައުމުން ބޭރުކޮށްލުމުން ބަންގްލަދޭޝް ސަރުކާރުން ބުނަނީ ރައްކާތެރިކަން ނެތްތަނަކަށް އެ ގައުމުގެ ކުޅުންތެރިން ނުފޮނުވާނެ ކަމަށެވެ.

"އަހަރުމެންގެ ނިންމުން ބަދަލުވާނެ އެއްވެސް ގޮތެއް ނެތް. އަހަރެން ގަބޫލު ކުރަނީ މި ކަމުގައި އައިސީސީ އަށް އަހަރުމެންނަށް ހައްލެއް ހޯދައި ނުދެވޭނެ ކަމަށް. ސަލާމަތީ ސަބަބުތަކަށްޓަކައި މި މެޗުތައް އެހެން ގައުމެއްގައި ކުޅެވޭނެ ހުރިހާ ފުރުސަތެއް އެބައޮތް. އަހަރުމެންނަށް ހަގީގަތުގައި ވެސް ސެކިއުރިޓީގެ ކަންބޮޑުވުން އެބައޮތް. އަހަރުމެން (އަދިވެސް) އުއްމީދު ކުރަން އައިސީސީން އަހަރުމެންގެ ކަންބޮޑުވުމާމެދު ވިސްނާފައި އަހަރުމެންގެ މެޗުތައް ސްރީލަންކާގައި ކުޅެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް،" ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ އޮފިޝަލް އާސިފް ނަޒަރުލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑިޔާގައި ހުއްޓައި ބަނގްލަދޭޝްގެ ކުޅުންތެރިއަކަށް ދިމާވި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އިންޑިޔާގެ ކްރިކެޓް ބޯޑަށް އެއްވެސް ފިޔަވަޅެއް އަދި ރައްކާތެރިކަމެއް ހޯދައިނުދެވުނު އިރު ބޮޑު މުބާރާތެއް ކުޅެން އެ ގައުމަށް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ހަރުކަށި (ހިންދޫން)ގެ ސަބަބުން އަހަރުމެންގެ ކުޅުންތެރިއަކު އިންޑިޔާއިން ދާން ޖެހުނީ. އެތަނުގައި (ވޯލްޑްކަޕް) މެޗުތައް ކުޅެން މިޖެހެނީ. މިހެންވެ އެ މީހުންގެ ފުލުހުންނާއި ސެކިއުރިޓީ އެޖެންސީތަކުން އަހަރުމެންގެ ކްރިކެޓް ކުޅުންތެރިންނަށް ފުރިހަމަ ރައްކާތެރިކަން އޮތްކަން ކަށަވަރުކޮށްދޭން ޖެހޭނެ،" އާސިފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިކަމުގައި އިންޑިޔާ ދެކެ ބިރުން އައިސީސީން ދައްކާ އެއްވެސް ވާހަކަ އެއް އަޑުނާހާނެ ކަމަށެވެ. އަދި މި ނިންމުމަކީ ބަނގްލަދޭޝްގެ ސަރުކާރުގެ ނިންމުމެއް ކަމަށާއި މިއީ އެއްގޮތަކަށް ވެސް ކުޅުންތެރިންގެ ނިންމުމެއް ނޫން ކަމަށެވެ.

ބަނގްލަދޭޝް އާއި އިންޑިޔާއާ ދެމެދު ސިޔާސީ ހިތްހަމަނުޖެހުންތަކެއް ވެސް އެބައުޅެ އެވެ. އޭގެ ސަބަބަކީ ބަނގްލަދޭޝްގެ ރައްޔިތުންގެ ނުކުމެ މުޒާހަރާކޮށް ސަރުކާރު ވައްޓާލުމުން އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ފިއްލަވައިގެން އިންޑިޔާއަށް ވަޑައިގެން އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައިވާތީ އެވެ. ހަސީނާ އެނބުރި ގައުމަށް ފޮނުވައި ދެއްވުމަށް ބަނގްލަދޭޝްއިން ތަކުރާރުކޮށް އެދުނު ނަމަވެސް އިންޑިޔާ ސަރުކާރުން މިކަމަށް އިޖާބަ ނުދޭ މައްސަލަ ވެސް ބޮޑެވެ.