ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާތީ ފުޓްސަލް ޓީމަށާއި ސްރީލަންކާގައި މިދިޔައަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދި ފުޓްބޯޅަ ޓީމަށް އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށްކަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހައި މެޗެއް ކާމިޔާބުކޮށް ފުރަތަމަ ސާފް ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދީފައެވެ.
މީގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ސްރީލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައިވާތީ ގައުމީ ޓީމަށްވެސް މި ބޯނަސް ފައިސާ ދިނުމަށް ވަނީ ނިންމަވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރުގެ އޮކްޓޫބަރު 2 ގައި ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ނިންމަވާފައިވާ ނިންމެވުމެއްކަމަށް ކުޅިވަރު ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ ފައިސާ ކުޅުންތެރިންނާ ހަވާލުކުރަނީ ފުޓްބޯޅަ އެސޯސިއޭޝަން މެދުވެރިކޮށްކަމަށެވެ.
ސްރީލަންކާގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ސުޕަކަޕް ކާމިޔާބުކޮށް ޤައުމީ ފުޓުބޯޅަ ޓީމު ރާއްޖެއަށް ތަށި ގެނެސްދީފައިވެއެވެ. މިއީ ސަރަހައްދީ ފުޓުބޯޅައިގައި ރާއްޖެއަށް ތައްޓެއް ނުލިބި ގިނަ އަހަރުތަކެއް ފާއިތުވިފަހުން ގައުމީ ޓީމުން ހޯދި ފުރަތަމަ ތައްޓެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން ހޯދާ މިފަދަ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ސަރުކާރުން ކުޅުންތެރިންނަށް ފައިސާގެ އިނާމުދޭން ނިންމާފައިވާއިރު ފުޓްބޯޅަ އާއި ފުޓްސަލްގެ އިތުރުން އެހެނިހެން ކުޅިވަރުތަކުން ރާއްޖެއަށް ރީތިނަން ގެނެސްދޭ ކުޅުންތެރިންނަށްވެސް ސަރުކާރުން ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމު ދެއްވައެވެ.
އަދި ކުޅުންތެރިންގެ ފެންވަރު މަތިކޮށް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ހޯދާ ކާމިޔާބީތައް އިތުރު ކުރުމަށް އެސޯސިއޭޝަންތަކާއި ގުޅިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.