ޚަބަރު

ޤައުމީ ފުޓްސަލް ޓީމަށް ޕީއެސްއެމް އިން ކުލަގަދަ މަރުޙަބާއެއް


  • ގައުމީ ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ކޭކެއް ފެޅުންވެސް އޮތް

  • ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ މުބާރާތުގެ ފޮނި ހަނދާތައް ޕީއެސްއެމްއާއި ހިއްސާކޮށްފައިި

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ރާއްޖެއަށް ތަށި ގެނެސްދިން ގައުމީ ފުޓްސަލް ޓީމަށް ޕަބްލިކް ސާވިސް މީޑިއާއިން ރަތް ދޫލައިގައި ކުލަގަދަ މަރްހަބާއެއް ކިޔައިފިއެވެ.

ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަ މަރްހަބާ ކިއުމުގެ އިވެންޓު ބޭއްވި ޕީއެސްއެމްގެ ސުޓޫޑިއޯގައެވެ. ޓީމުގެ ކުޅުންތެރިން ހޯދި ފޮނި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޕީއެސްއެމްގެ ވެރިންވަނީ ޓީމާ ބައްދަލުކުރައްވާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ ޝަރަފުގައި ހާއްސަ ކޭކެއް ފަޅާފައެވެ.

ކުޅުންތެރިންނާއި މުހާތަބުކުރައްވާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނޫން ކަމަށާއި ކުޅިވަރުގައި ނަން ހިނގާ ނަން މަޝްހޫރު ގައުމެއް ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ދެކެނީ މި ފަހުރު މި ގޮތަށް ދެމެހެއްޓުން މީ އެންމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް. އަޅުގަނޑުމެންނަކީ މާ ކުޑަބައެއް ކަމަށް ކިޔާ އާދަ ދޫކޮށްލާ ފަހުރުވެރި ބައެއްކަން އަމިއްލައަށް ގަބޫލުކޮށްގެން ކުރިޔަށްދާން ވެއްޖެ" ކަމަށް ޝަކީބް ވިދާޅުވިއެވެ.


އަދި ފުޓްސަލްގައި ޕީއެސްއެމްއަށް ބައިވެރިވެވުނު ހުރިހާ ގޮތަކުން ބައިވެރިވި ކަމަށާއި ހުރިހާ މެޗެއް ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދީފައިވާކަން ޕީއެސްއެމްގެ އެމްޑީ ފާހަގަކުރެއްވިއެވެ. މިކަމުގައި ޕީއެސްއެމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި އެފްއޭއެމަށްވެސް ޕީއެސްއެމް އިން ޝުކުރު އަދާކުރެއްވިއެވެ.

ވެތުވެދިޔަ 2 އަހަރު ކުޅިވަރަށް ކުރި މަސައްކަތުގެ ތެރެއިން ޕީއެސްއެމް އިން 80 އިންސައްތައަށްވުރެ ގިނަ މަސައްކަތް ފުޓްސަލް އަށް ހާއްސަކޮށްގެން ކުރެވުނު ކަމަށާއި ފުޓްސަލަކީ ކުޅިވަރުގެ ރޮނގުން ފަހުރުވެރި ކާމިޔާބީއެއް ހޯދާ ކުޅިވަރެއް ކަމަށްވެސް ޝަކީބް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިގައިވެސް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް މި ކުޅިވަރަށް ޕީއެސްއެމްއިން ދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނީ މާލޭގައި ފަރިތަކުރުންތަކާއި ހަމައިން ފެށިގެން ގޮސް ޗައިނާ ކޭމްޕުގައި މަސައްކަތް ކޮށް ބެންކޮކަށް ގޮސް މުބާރާތް ނިމެންދެންވެސް މުޅި ޓީމު ގަބޫލު ކުރީ ތަށި ގެނެވިދާނެ ކަން ކަމަށެވެ. އަދި މި ކާމިޔާބީއަކީ އެ އަޒުމުގައި ހުރިހާ ކުޅުންތެރިންވެސް ކުރި މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ސަޕޯޓަރުން ދިން ހިތްވަރަކީ ތަށި ގެނައުމަށް ޓީމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"މި ތަށި ގެނައުމުގައި ދިވެހި ސަޕޯޓަރުންނަކީ ވަރަށް ބޮޑު ހިތްވަރެއް. އެހެންކަމުން ވަރަށް ބޮޑަށް ޝުކުރިއްޔާ ސަޕޯޓަރުންނަށް" އިމްރާން ބުންޏެވެ.

ޓީމުގެ މެނޭޖަރ މުހައްމަދު އުމެއިރު ބުނީ އަބަދުވެސް ވިސްނުން ހުންނަނީ މޮޅުވާން ކަމަށެވެ. އަދި ކުޅުންތެރިންނަށް ވިސްނައިދެމުން ދިޔައީވެސް ތަށި ހޯދަން ކަމަށެވެ.

"އަޅުގަނޑަކީ ކުރިން ކުޅެފަހުރި މީހެއްވީމަ އަބަދުވެސް ވިސްނުން ހުންނަނީ މޮޅުވާން. ކުޅުންތެރިންނަށްވެސް ވިސްނައިދިނީ ތަށި ހޯދަން އެންމެން ކުރި މަސައްކަތުން މި ކާމިޔާބީ ހޯދުނީ. އަދި ހާއްސަކޮށް އެފްއޭގެ ރައީސްއަށް ޝުކުރު އަދާކުރަން ޓީމު ކާމިޔާބީއާ ހަމައަށް ދާން ކޮށްދިން މަސައްކަތްތަކަށް" އުމެއިރު ފާހަގަ ކުރިއެވެ.

އުމެއިރު ވަނީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީގައި ޕީއެސްއެމްގެ ދައުރު ފާހަގަކޮށް ޕީއެސްއެމަށްވެސް ޝުކުރުއަދާކޮށްފައެވެ. ގައުމީ ޓީމުގެ މެޗުތަށް ވަގުތުން ގެނެސްދިނުމާއި އިންޓަވިއުތައް ބެލުންތެރިންނާއި ހަމއަށް ގެނެސްދިނުމުގައި ޕީއެސްއެމްއިން ކުރި މަސައްކަތް ފާހަގަކޮސްލެވޭ ކަމަށާއި، އެކަމަށް މެނޭޖަރުގެ ހައިސިއްޔަތުން ދެވުނު އެންމެ ބޮޑަކަށް އެއްބާރުލުންދީފައިވާނެ ކަމަށްވެސް އުމެއިރު ފާހަގަކުރިއެވެ.