ޚަބަރު

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ފައިންސް، ޙަސަން މޫސާ

  • އޭނާ ވަނީ 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައި

ހދ. ކުޅުދުއްފުށި ސިޓީގެ އެކި ފިހާރަތަކަށް އޮޅުވާލައިގެން ސައްހަނޫން ޕޭމަންޓް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި ފައިންސް، އުމުރުން 33 އަހަރުގެ ޙަސަން މޫސާއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖަނަވަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ބެލިބެލުމުން ޙަސަން މޫސާ ވަނީ ކުޅުދުއްފުށީގެ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 3000 އަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ނަގާފައެވެ. މި އަމަލަކީ ފިހާރަތަކުގެ އިތުބާރު ނަގާލައި، މަކަރާއި ހީލަތުން މުދާ ހޯދުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކުރަށްވާފައެވެ.

މި މައްސަލައާ ގުޅިގެން ޙަސަން މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ހަތްދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދެއްވާފައެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަށްވަމުންނެވެ.

މީގެ އިތުރުން، އެހެން އެއްވެސް ފިހާރައަކުން ޙަސަން މޫސާ މިފަދަ ގޮތަކަށް ވިޔަފާރިކޮށްފައިވާނަމަ، އެކަން ކުޅުދުއްފުށި ސިޓީ ޕޮލިހަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.