ޚަބަރު

އައިޔޫއެމްއަށް ޑރ.ޒާހިރު ކޮށްދެއްވި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު


  • އައިޔޫއެމްގެ ޗާންސެލަރު ކަމުން ޑރ.ޒާހިރު ވަނީ އިސްތިއުފާ ދެއްވާފައި

  • ޑރ.ޒާހިރު ވަނީ ދިވެހި ދައުލަތަށް 49 އަހަރު ޚިދުމަތް ކޮށްދެއްވާފައި

  • ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ވެސް ވަނީ ލިބިވަޑައިގެންފައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ހުށަހެޅުއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނާ ބައްދަލުކުރައްވައި، އެ މަޤާމުގައި ހުންނަވައިގެން ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑރ. ޒާހިރު ޙުސައިނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް ވަރަށް ބޮޑު ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތަކާއި މަދަރުސާތައް ބިނާކުރައްވައި، ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. މުޙައްމަދު ޒާހިރު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެމަނިކުފާނަށް ދެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް މަރުޙަބާ ވިދާޅުވިއެވެ.

ޑރ. ޒާހިރު ޙުސައިން ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ޚާއްޞަ ސިޓީފުޅެއް އަރުވާފައެވެ. އެ ސިޓީފުޅުގައި، އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ އިތުރުން، 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޒަމާނީ އަދި ދިވެހިވަންތަ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާފައިވެއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަކީ، 49 އަހަރާއި 9 މަސް ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެމަނިކުފާނަށް ދައުލަތުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވައިފައިވަނީ 10 ނޮވެންބަރު 2008 ގައެވެ. އަދި ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އަރުވައިފައިވަނީ 2024 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.