ޚާރިޖީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފް ލިބިވަޑައިގެންފައިވާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް)ގެ ފުރަތަމަ ރައީސް އަޙްމަދު ސަލީމް ލިޔުއްވި ފޮތް، 'އެޗް.އާރު.ސީ.އެމްގެ ހަނދާންތައް' ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް މިއަދު ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ފޮތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވާފައެވެ.
މި ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ، ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން އައި ގޮތާއި، އެކޮމިޝަންގެ ފުރަތަމަ ރައީސްގެ މަޤާމުގައި އަޙްމަދު ސަލީމް ވޭތުކުރެއްވި ފަސް އަހަރު ދުވަހުގެ ތަޖުރިބާއަށެވެ. މީގެ އިތުރުން، ދިވެހިރާއްޖެ ޑިމޮކްރަސީގެ ނިޒާމަށް ބަދަލުވެގެން ދިޔަ ތާރީޚީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ ތަފްޞީލުތައްވެސް މި ފޮތުގައި ހިމަނުއްވާފައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދެވީ، 2003 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. އެ ކޮމިޝަނަށް އެންމެ ފުރަތަމަ ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނިވަޑައިގެންނެވިއެވެ. އަދި 2008 ވަނަ އަހަރު ތަޞްދީޤު ކުރި އައު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލި މިނިވަން ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސްގެ މަޤާމުވެސް ފުރުއްވީ އޭނާއެވެ.
މި ފޮތަކީ ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ދާއިރާއާއި، ދައުލަތުގެ މުއައްސަސާތައް ބިނާވެގެން އައި ގޮތުގެ ތާރީޚަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެއްކަން ފާހަގަކޮށްލެވެއެވެ.