ޚަބަރު

ޕްލޭއޮފް ރާވާފައި އޮތްގޮތް ކަމަކުނުދޭ: އާތިފް


ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވާން އޮންނަ ޕްލޭއޮފް މެޗުތައް ހަމަޖެހިފައިވާ ގޮތް "އެއްގޮތަކަށް ވެސް ކަމުނުދާ" ކަމަށް، ލީގު ޕްލޭއޮފްގައި ކުޅެންޖެހޭނެކަން ކަށަވަރުވެފައިވާ ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.

2026/2027ގެ ޕްރިމިއަ ލީގުގައި ހިމެނޭ ޓީމުތައް ކަނޑައަޅާ ފޯމެޓަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، މުޅި ރާއްޖެ ހަތަރު ލީގަކަށް ބަހާލައި، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ޓީމުތަކަށް ވެސް ޕްރިމިއަރ ލީގުގައި ކުޅެވޭނެ މަގު އެފްއޭއެމް އިން ވަނީ ތަނަވަސްކޮށްދީފައެވެ.

މިއާއެކު އަތޮޅު ތެރެއިން، ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ޕްރިމިއަރ ލީގުގައި ވާދަކުރަން، ސަރަހައްދީ މުބާރާތްތަކެއް ކުޅެން ޖެހޭއިރު، ޕްރިމިއަރ ލީގުގެ ކުޅުން އޮންނާނީ މެދުކެނޑިފައެވެ. އަދި ޕްލޭއޮފްގައި ޓީމުތައް ވާދަކުރާއިރު، ރީޖަންތަކުން އަންނަ ޓީމުތަކުގެ ޓީމް ލިސްޓަށް ވެސް ބަދަލު ގެނެވޭނެކަމަށް އެފްއޭ އިން ބުނެފައިވެއެވެ.

މި ކަންކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ޓީސީގެ ކޯޗު އާތިފް ބުނީ، ޕްލޭއޮފްއާ ކުރިމަތިލާއިރު ޕްރިމިއަރ ލީގުގެ ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. މިސާލަކަށް، މި ކުޅެން ޖެހޭ ހަތަރު ޓީމު، އެބަޖެހޭ ޓީމު ލިސްޓު މިހާރު ލާފަ އޮންނަން. އަހަރުމެންނަކަށް (ޕްރިމިއަރ ލީގުގައި ވާދަކުރާ ޓީމުތަކަށް) ނެތް ޓްރާންސްފަރ ވިންޑޯގައި ނޫނީ ކުޅުންތެރިން ބަދަލުކުރެވޭކަށް. އެކަމަކު ސެކަންޑް ޑިވިޝަން، ޒޯން ޓީމުތަކަށް ބޭނުން މީހަކު ޖެހުމުގެ ފުރުސަތު އެބައޮތް. އެހެންވީމަ އެއީ އަހަރުމެންނަށް ވަރަށް ބޮޑު ގެއްލުމެއްނު. އެހެން ވެގެން ނުވާނެ". މިހާރު ރޭވިފައި އޮތް ގޮތުން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އާތިފް ބުންޏެވެ.

މި ގޮންޖެހުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް އާތިފް ވާހަކަދެއްކިއެވެ. އަދި މިހާރު އޮތް އުސޫލު އެއްވެސް ވަރަކަށް ކަމުނުދާކަމަށް އޭނާ ބުންޏެވެ.

"މުބާރާތް (ރީޖަންތަކުގެ މުބާރާތް) ނިމޭއިރު އެފްއޭ އަތުގައި އޮންނަން ޖެހޭނެ ލިސްޓު. މި ޓީމުގައި އިތުރަށް މީހަކު ޖެހިގެން ނުވާނެ. އަނެއްކަމަކީ މީތި މާޖް ވާންވާނެ. ސެކަންޑް ޑިވިޝަން ނިމިގެން އަންނައިރު އަހަރުމެން ވެސް ތިބެންޖެހޭނީ ނިމިފަ. ޒޯން އޮންނަންޖެހޭނީ ނިމިފަ. އަހަރުމެންނަށް (ޕްރިމިއަރ ލީގުގެ ޓީމުތައް) ބޮޑު ބްރޭކެއް ނުލައި އަހަރުމެން "ނުފުނޑޭ" ގޮތަށް އެފްއޭ އިން މީތި ރާވަން ޖެހޭނީ. މިއީ ވަރަށް ބޮޑު މައްސަލައެއް މިހާރު. ވަރަށް ދެރަކޮށް މި ފެންނަނީ. މީތި އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެހޭ. ކަމަކު ނުދޭ. އެއްގޮތަކަށް ވެސް ކަމަކު ނުދޭ މިއެއް". އާތިފް ބުންޏެވެ.

ޕްރިމިއަރ ލީގުގެ ޕްލޭއޮފް މެޗުތައް ތާވަލުކުރެވިފައިވާ ތާރީޚު އަދިވެސް ނޭނގޭކަމަށް ބުނެ، ތައްޔާރުވާން ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުން ވެސް އާތިފް ފާޅުކުރިއެވެ.

އެފްއޭއެމް އިން ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ބަހާލީ، މާލެ ސަރަހައްދުގެ ތިން ވަނަ ޑިވިޝަން އާއި ދެވަނަ ޑިވިޝަން ހިމަނައިގެން މާލޭ ލީގާއި ނޯތު ލީގު، ސެންޓްރަލް ލީގު އަދި ސައުތު ލީގަށެވެ.

އަތޮޅުތައް ހިމެނޭ ތިން ލީގުގައި އެކި ޒޯންތައް ވެސް ވަނީ ކަނޑައަޅާފައެވެ.

ކޮންމެ ލީގެއްގައި ހިމެނޭ ޒޯންތަކުގައި އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ކުޅޭނެ އެވެ. ކޮންމެ ޒޯނަކުން ލީގަށް ކޮލިފައި ވަނީ އެ ޒޯނެއްގެ ޗެމްޕިއަނުންނާއި ރަނައަޕެވެ. އެހެންކަމުން އަތޮޅުތައް ހިމެނޭ ތިން ލީގުގައި ވާދަކުރާނީ ކޮންމެ ލީގެއްގައި ވެސް ޖުމްލަ ހަތަރު ޓީމެވެ. މާލޭ ލީގުގައި ހިމެނެނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނެވެ.

ދެވަނަ ޑިވިޝަންގެ މެޗުތައް ފަށާނީ ތިންވަނަ ޑިވިޝަން ނިންމައި، އޭގެ ޗެމްޕިއަން ޓީމު ހިމަނައިގެންނެވެ.

ޕްރިމިއަ ލީގުގައި އަލަށް ހުޅުވޭ ހަތަރު ޖާގައަށް ވާދަކުރާނީ ހަވަނަ ޓީމާއި ހަތްވަނަ ޓީމުގެ އިތުރުން ނޯތު ލީގާއި ސެންޓްރަލް ލީގާއި ސައުތު ލީގު އަދި މާލޭ ލީގުގެ ސެކަންޑް ޑިވިޝަންގެ ޗެމްޕިއަން ޓީމާއެކު ޖުމްލަ ހަ ޓީމެވެ.

މިހާރު ތާވަލު އޮތްގޮތުން ނަމަ ޑައިރެކްޓް ރެލިގޭޝަންގައި އޮތީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. އަދި ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭނީ ކްލަބް ގްރީން ސްޓްރީޓް އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.