ކުޅިވަރު

މެސީގެ ހެޓްރިކާއެކު ބާސެލޯނާއަށް ފަސޭހަ މޮޅެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗް ފާސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ. އަމިއްލަ ދަނޑުގައި ރޭ ސެލްޓިކާއި ދެކޮޅަށް ކުޅުނު މެޗް ބާސެލޯނާ ކާމިޔާބުކުރީ ހަތެއް ސުމަކުންނެވެ. 

މެޗުގައި ބާސެލޯނާގެ ފޯވާޑް ލަޔަނަލް މެސީ ހެޓްރިކެއް ހެދިއިރު، ލުއިސް ސުއަރޭޒްވަނީ ދެ ގޯލް ޖަހާފައެވެ. އެޓީމްގެ އަނެއް ދެ ލަނޑު ޖަހައިދިނީ އަންދްރޭސް އިނިއެސްތާ އަދި ނޭމާއެވެ. ރޭގެ  މެޗުގެ ނަތީޖާ އެކެއް ސުމެއްގައި އޮއްވާ ސެލްތިކަށް ނަތީޖާ ހަމަހަމަކުރަން ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ފުރަތަމަ ހާފްގައި އެޓީމަށް ލިބުނު ޕެނަލްޓީ މޫސާ ޑެމްބެލޭ އަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ރޭގެ 

މެޗުގައި މެސީ ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ހެދި 40 ވަނަ ހެޓްރިކްއެވެ. އަދި މީ ޗެމްޕިއަންސް ލީގުގައި އޭނާ ހެދި ހަ ވަނަ ހެޓްރިކްއެވެ. އަދި ރޭގެ ތިން ލަނޑާއިއެކު މެސީ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާއަށެވެ.

 ބާސެލޯނާ އަދި ސެލްޓިކް ހިމެނޭ ގްރޫޕް ސީގައި ރޭ ކުޅެން އޮތް އަނެއް މެޗުވަނީ މިރެއަށް ލަސްކޮށްފައެވެ. މެންޗެސްޓާ ސިޓީ އާއި ބޮރޫޝިއާ މޮންޚެންގްލެޚްބާގެ މެޗު ލަސްކުރީ ވިއްސާރައިގެ ސަބަބުން ދަނޑުގައި ފެންހެދުމާ ގުޅިގެންނެވެ.