ޚަބަރު

ފަރިތަކުރުންތަކުގައި ބައިވެރިނުވެ ކުޅުންތެރިން ދަނީ ފުޓްސަލް ކުޅެން: ލައްޗޭ


  • ލީގުގައި ވިކްޓްރީ އެންމެފަހުން ކުޅުނު މެޗުން ޓީސީ އަތުން ވަނީ ބަލިވެފައި

  • ވިކްޓްރީ މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައި

ލީގުގައި މަގާމު ދަމަހައްޓަން ކުރަމުން އަންނަ މަސައްކަތުގައި ވިކްޓްރީ ސްޕޯޓްސް ކުލަބަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިން، ފަރިތަކުރުންތަކަށް ފަރުވާތެރިކަމާއެކު ހާޒިރުނުވުމުގެ މައްސަލަކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އޭނާ ވަނީ، މީގެކުރިން، ހުރިހާ އެންމެން ގުޅިގެން، އެއްކޮށް ކުރި ފަރިތަކުރުންތަކާއެކު ރަނގަޅު ނަތީޖާތަކެއް މެޗުތަކުގައި ނެރެވުނުކަން ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މިހާރު އެ ނަތީޖާ ނެރުމަށް ގޮންޖެހުންތަކެއް ހުރިކަން އޭނާ ހާމަކުރިއެވެ.

"މިހާރު ޓީމުގެ ޓްރެއިނިންއަށް މި ލިބެނީ ހާފް ޕްލެޔަރުން. މިގޮތަށް މި މަސައްކަތްކުރަން ފެށީމަ މިހާރު ކާމިޔާބުވާގޮތް ނުވެގެން މިއުޅެނީ. ޓީމު ދެން މިއޮތީ ރެލިގޭޝަނުން ސަލާމަތްވެފަ. އަހަރުމެން ކޯޗުންގެ ވިސްނުމުގައި މި ހުންނަނީ ޖެހޭ ކޮންމެ މެޗެއްވެސް ނަގައިގެން (މޮޅުވެގެން) ދެވޭ އެންމެ މައްޗަކަށް ދާން. އެކަމަކު ކުޅުންތެރިން ފަރާތުން މިހާރު އެއްވެސް ވަރަކަށް އެ ސަޕޯޓެއް ނުލިބޭ. އެހެންވީމަ ކުޅުންތެރިން އެއްކޮށް އައިސް، މަސައްކަތްތަކެއް ކޮށްގެން އަސްލު މީގަ ނަތީޖާއެއް ނެރެވޭނީ". ޓީމުގެ ފަރިތަކުރުންތަކުގައި ކުޅުންތެރިން ބައިވެރިވުނުމުގެ ކަންބޮޑުވުން ހިއްސާކޮށް ކޯޗު އާދަމް އަބްދުލް ލަތީފް ބުންޏެވެ.

ކުޅުންތެރިންގެ ފަރާތުން އެދެވޭ އެއްބާރުލުމެއް ނުލިބެނީ، ރެލިގޭޝަނުން ސަލާމަތްވެފައި އޮތުމުން މާބޮޑަށް "ރިލެކްސް" ވެގެން ނޫން ކަމަށާއި އެކަން އެހެން ވަނީ ކުރިއަށްދާ ފުޓްސަލް މުބާރާތްތަކަށް އެ ކުޅުންތެރިން ވަގުތުދޭން ޖެހޭތީކަމަށް ކޯޗު ބުންޏެވެ. ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ ބައެއް ކުޅުންތެރިން ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވާންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޯޗު އާދަމް އަބްދުލް ލަތީފްގެ އިތުރުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ކޯޗު މުޙައްމަދު ނަޒީހު ވެސް މީގެކުރިން ވަނީ، ކުޅުންތެރިން ފަރިތަކުރުންތަކަށް ނައިސް ފުޓްސަލް ކުޅެންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.