ޚަބަރު

ފުޓްސަލް ޓީމަށް ހޯދައިދިން ފުރުސަތަށް އުމެއިރުގެ ޝުކުރު، ޠާރިޤަށް


ފުޓްސަލްގައި ރާއްޖެއަށް ރަން މެޑަލްއެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިންކަމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤަށް، ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު މުޙައްމަދު އުމެއިރު ޝުކުރު އަދާކޮށްފިއެވެ.

ފާއިތުވީ ދިގު ތާރީޚުގައި ރާއްޖޭގައި ފުޓްސަލްއަކީ އަޅާނުލައި، ޒިންމާވާނެ، ފަރާތެއް ނެތިފައި އޮތް ހަރަކާތެއްގެ ގޮތުގައި އޮތް ކުޅިވަރެކެވެ.

ހަގީގީ ޒިންމާ ނަގަންޖެހޭ ފަރާތްތަކުން އޭރު އެ ޒިންމާ ނުނަގާ އޮތުމުގެ ސަބަބުން، އެ ބުރަ ޒިންމާ ކޮނޑުގައި އަޅައި، މިއަދު މި ކުޅިވަރު މިހާ ހިސާބަށް ގެނައުމުގައި ހިއްސާވާ އަމިއްލަ ފަރުދުން ވަރަށް ގިނައެވެ. އެހެންނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ، ރަސްމީ ހައިސިއްޔަތު އޮންނަ އެސޯސިއޭޝަނަށް މި ކުޅިވަރު ކުރިއަރުވައި، ހަގީގީ މަގާމު ހޯދައިދޭން ކުރެވެން އޮތް މަސައްކަތް، އަމިއްލަ ފަރުދަކަށް ނުކުރެވޭނެ ކަމެވެ. ފާއިތުވީ އަހަރުތަކުގައި މިކަން އޮތީ ވެސް މިހެނެވެ.

އެހެންނަމަވެސް، އެފްއޭއެމްގެ ރައީސް ކަމާ އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، ފުޓުބޯޅައިގެ އިތުރުން ފުޓްސަލްގެ ކުރިއެރުމަށް ވެސް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމަށް ތަޖުރިބާކާރު، އިލްމާއި ހިލްމު ހުރި ބިދޭސީ ކޯޗަކު ހަމަޖެއްސީ ޠާރިޤްގެ ބެލުމުގެ ދަށުންނެވެ. އެފަހުން، މަސް ދުވަސް ވަންދެން ޗައިނާގައި ޤައުމީ ޓީމަށް ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދިނުމަށް ޠާރިޤް ކުރި މަސައްކަތް ފާހަގަކޮށްލެވެއެވެ.

މި ދެ ކަންތަކަކީ، މިދިޔަ މަހުގެ 26 ވަނަ ދުވަހު ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލުމުގައި އެންމެ ބޮޑު މަދަދުގާރުންނަށްވީ ދެ ކަންތައްކަން، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ފުޓްސަލް ކޮމިއުނިޓީން ވެސް ފާހަގަކުރެއެވެ.

"ދިވެހިރާއްޖެ: ސަރަހައްދީ ފުޓްސަލްގެ ޗެމްޕިއަން" ގެ ނަމުގައި ޤައުމީ ފުޓްސަލް ޓީމާއެކު ޕީއެސްއެމުން ކުރިޔަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަމުން އުމެއިރު ވަނީ ޠާރިޤް ހޯދައިދިން ފުރުސަތަށް ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑު މި ފުރުސަތުގައި އެފްއޭއެމްގެ ރައީސް ޓޮމްއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ޓީމު ކާމިޔާބީއާ ހަމައަށް ދާން ދެއްވި ހުރިހާ ފުރުސަތަކަށް". ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްސަލްގެ އިތުރުން ފުޓުބޯޅައިގައި ވެސް ރަން މެޑަލް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ޤައުމީ ފުޓްސަލް ޓީމުގެ މެނޭޖަރު، މުޙައްމަދު އުމެއިރު ޝުކުރުވެރި ހިތަކާއެކު ބުންޏެވެ.

ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ފުރަތަމަ ފަހަރަށް ބޭއްވި ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ޓްރޮފީ ރާއްޖެއިން އުފުލައިލީ މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާ އެކުއެވެ. ހަތް ގައުމުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ރާއްޖެއިން ވަރަށް ސަރަހައްދީ ފުޓުބޯޅައިގެ ރަސްކަން ހޯދާފައެވެ.