12 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމު ޗައިނާއަށް ފުރައިފިއެވެ.
މި މުބާރާތް އޮންނާނީ ފެބުރުވަރީ 6-8 ށް ޗައިނާގެ ޓިއަންޖިންގައެވެ. މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަނީ މީގެ ކުރިން ސަރަހައްދީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ގިނަ ތަޖުރިބާތާކެއް ހޯދާފައިވާ ކާމިޔާބު ދެ އެތުލީޓުން ކަމަށްވާ ހަސަން ސާއިދު އާއި އަހުނާ ނިޒާރެވެ. މި މުބާރާތުގައި އަހުނާ އާއި ސާއިދު ވާދަކުރާނީ 60 މީޓަރ ދުވުމުގައެވެ.
މި މުބާރާތުގައި އެކި އިވެންޓްތައް ހިމެނޭ އިރު 60 މީޓަރު ދުވުމުގެ ފިރިހެން ކެޓަގަރީގެ ހީޓުތައް ކުރިޔަށްދާނީ 6 ފެބުރުއަރީގައެވެ.
60 މީޓަރު ދުވުމުގެ އަންހެން ކެޓަގަރީގެ ހީޓުތައް އޮންނާނީ 7 ފެބުރުއަރީގައެވެ.
ޗައިނާގެ ޓިއަންޖިންގައި ހުންނަ ޓުއަންބޫ ސްޕޯޓްސް ސެންޓަރުގައި އޮންނަ މި މުބާރާތުގައި އޭޝިއާގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ވާދަކުރާނެއެވެ.
އެކި ކަހަލަ ޓްރެކް އެންޑް ޕީލްޑް އިވެންޓުތައް ހިމަނައިގެން ކުރިޔަށް ގެންދާ މި މުބާރާތަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ 45 ގައުމަށް ދައުވަތު ދީފައިވެއެވެ.