ޚަބަރު

ބުދަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހާނީ މިފްކޯ މާފަންނު ފިހާރައިން


  • ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 މަސްދަޅު ކޭސް ބަހާނެ

  • މިހާތަނަށް 35،132 މަސްދަޅު ކޭސް ދޫކުރެވިފައިވޭ

މި މަހުގެ 11 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ހަމައެކަނި މިފްކޯ މާފަންނު ފިހާރައިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މާލޭ ސަރަހައްދުގައި މިހާރު ރޯދަ ހަދިޔާ ބަހަމުންދާ ސަރަހައްދުތަކުން އެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށެވެ. އަދި އޭގެ ފަހުން ހަދިޔާ ދޫކުރުން އެއް ތަނަކަށް ބަދަލުކުރަން ނިންމާފައިވާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މި މަހުގެ 11 ގެ ނިޔަލަށް މާލޭގައި މަސްދަޅު ކޭސް ދޫކުރަމުންދާނީ މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުންނެވެ. އަދި ހުޅުމާލެ ފޭސް 1 ގައި މަސްދަޅު ކޭސް ބަހަމުން ގެންދަނީ އުމަރު ޒާހިރު ބިލްޑިން، ޕޮލްކޯޓަވަރު އަދި މުހައްމަދު ގާސިމް ޕްރީ ސްކޫލުންނެވެ. ފޭސް 2 ގައި ކާމިލު ދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި އެމްޕީއެލް ޓަވަރު ޕީ އިން ދޫކުރަމުންދާއިރު، ވިލިމާލޭގައި މި ތަކެތި ބަހަމުންދަނީ ވެމްކޯ ސައިޓުންނެވެ.

އެހެންނަމަވެސް 11ވަނަ ދުވަހުން ފެށިގެން މި ހުރިހާ ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރުން ނިންމާލާނެ ކަމަށާއި، އޭގެ ފަހުން މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި މިފްކޯ މާފަންނު ފިހާރައިން ކަމަށްވެސް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

ރަމަޟާން މަހަށް ސަރުކާރުން ރޯދަ ހަދިޔާ ދެއްވަން ފެއްޓެވީ 2024 އަހަރުން ފެށިގެންނެވެ. އެގޮތުން 2025ވަނަ އަހަރުން ފެށިން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ބެލުމުގެ ދަށުން، ކައުންސިލްތަކާއި، ޤައުމީ ދިފާޢީ ބާރާއި، އެކި އިދާރާތައް ގުޅިގެންނެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނޭކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން، މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފައެވެ.

މި ޕޯޓަލް މެދުވެރިކޮށް، ކޭސް ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރެއިން އެ މީހަކަށް އެންމެ ފަސޭހަ ދުވަހަކާއި ވަގުތެއް އިޚްތިޔާރުކޮށް ޝެޑިއުލް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ކިއޫގައި މަޑުކުރަން ނުޖެހި، ކަނޑައެޅިފައިވާ ގަޑިއަށް، އެ ފަރާތަކަށް އެންމެ ކައިރި މަރުކަޒަކުން ހަދިޔާ ބަލައިގަތުމަށް މަގުފަހިވެގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި އަހަރުގެ އިންތިޒާމުތަކާ މެދު އާންމު ރައްޔިތުންގެ ހިތްހަމަޖެހުން އޮތްކަން ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ވެސް ފާހަގަކުރެވެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ރަމަޟާންމަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރެޓާ މާލެ ސަރަހައްދުގެ ގޭބިސީތަކަށް މިހާތަނަށް 35،132 މަސްދަޅު ކޭސް ދޫކުރެވިފައިވާކަަމަށެވެ. ގްރެޓާ މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 118,773 މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 61,755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބީސީއެވެ. މާލެ ސަރަހައްދުގައި މި ތަކެތި ބަހަން ފަށާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 24 ވީ ހޮނިހިރު ދުވަހުއެވެ.