ޓުވެންޓީ20 ކްރިކެޓް ވޯލްޑް ކަޕުގައި ވާދަކުރާ ސްރީލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ދަސުން ޝަނަކާ އަށް ދީފި އެވެ.
ލަންކާ އާއި އިންޑިޔާ ގުޅިގެން ބާއްވާ މުބާރާތް ހުކުރު ދުވަހު ފަށާނެ އެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ލަންކާގެ 15 ކުޅުންތެރިންގެ ސްކޮޑަކީ މި ފަހަކަށް އައިސް މުބާރާތަކަށް އެކުލަވާލި އެ ގައުމުގެ އެންމެ ވަރުގަދަ ޓީމެވެ. މި ޓީމުގައި ޕަތިމް ނިޝާންކާ އާއި ކުސަލް މެންޑިސް އާއި ކުސަލް ޕެރޭރާ އާއި ޗަރިތް އަސަލަންކާ ވެސް ހިމެނެ އެވެ. މީގެ އިތުރުން މޮޅަށް ކުޅެމުން އަންނަ އޯލްރައުންޑަރުން ކަމަށްވާ ދުޝަމަންތާ ޗަމީރާ އާއި މަތީޝާ ޕަތިރަނާ އާއި އަރަމުން އަންނަ ބާރު އުކުންތެރިޔާ މަހީޝް ތީކްޝާނާ ވެސް ހިމެނެ އެވެ.
މުބާރާތުގައި ލަންކާ ހިމެނެނީ އޮސްޓްރޭލިޔާ އާއި އޮމާން އަދި އަޔަލޭންޑާއި ޒިމްބާބުވޭއާއެކު ގްރޫޕް ބީގަ އެވެ.
ލަންކާގެ ކެޕްޓަން ޝަނަކާ ބުނެފައިވަނީ އަމިއްލަ ގައުމުގައި މުބާރާތް ކުޅުމަކީ ލިބޭ އުފަލެއް ކަމަށާއި ނަމަވެސް މުބާރާތުގައި ލަންކާގެ އެންމެ ބޮޑު އަމާޒަކީ މަދުވެގެން މުބާރާތުގެ ފައިނަލާ ހިސާބަށް ދަތުރު ކުރުން ކަމަށެވެ.
"ލަންކާ އަށް ކްރިކެޓްގެ ބޮޑު މުބާރާތެއްގެ ފައިނަލަށް ވެސް ނުދެވޭތާ ވަރަށް ދުވަސް ވެއްޖެ. އަހަރުމެން މި ފަހަރުގެ މުބާރާތަށް މި ނުކުންނަނީ މިފަދަ ފަހުގެ ތާރީހުތައް ބަދަލު ކުރުމުގެ އުއްމީދުގައި. މި ފަހަރުގެ މުބާރާތަކީ ލަންކާގެ ރައްޔިތުންނަށް ގައުމީ ޓީމު ކުޅޭތަން އަމިއްލަ ގައުމުގައި ތިބެގެން ބަލާލުމުގެ ފުރުސަތު ލިބޭ ފަހަރެއް. އެހެންވީމާ ނަތީޖާ ރަނގަޅު ކުރަންޖެހޭކަން އެންމެނަށް ވެސް އެނގޭ،" ޝަނަކާ ބުންޏެވެ.
މި މުބާރާތުގައި ދެން ވާދަ ކުރަނީ އިންޑިޔާ އާއި ޕާކިސްތާނާއި ނެމީބިއާ އާއި ނެދަލޭންޑްސް އާއި އެމެރިކާ އެވެ.