ކޮޕާ އިޓާލިއާ ނުވަތަ އިޓާލިއަން ކަޕުގެ ކުއާޓަރ ފައިނަލުގައި ޓޮރީނޯގެ މައްޗަށް ހޯދި މޮޅާއެކު އިންޓަރ މިލާނުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
މޮންޒާގައި ހުންނަ ޔޫ ޕަވަރ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންޓަރ މިލާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންޓަރ އިންނެވެ. އެހެންނަމަވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ ޓޮރީނޯއިންނެވެ. ޓޮރީނޯއިން މެޗުގައި 11 ހަމަލާއެއް އުފެއްދިއިރު އޭގެއިން ހަތަރު ހަމަލާއެއް ވަނީ ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައެވެ.
މެޗުގައި އިންޓަރ އިން ނުވަ ހަމަލާއެއް އުފައްދާފައިވާއިރު އެ ޓީމުން ވެސް ވަނީ ގޯލާ އަމާޒުވާގޮތަށް ހަތަރު ހަމަލާއެއް ފޮނުވާލާފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އިންޓަރ އިންނެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޒް ޔޮއާން ބޮނީއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ އިތުބާރާއެކު އިންޓަރ އިން ދެވަނަ ހާފު ފެށިއިރު މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޑީ ޑިއޯފްއެވެ. އޭގެ 10 މިނެޓުފަހުން ޓޮރީނޯއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޑްރޯ ކުލެނޮވިޗެވެ.
މި މެޗުން ހޯދި މޮޅާއެކު އިންޓަރ އިން ކޮޕާ އިޓާލިއާގެ ސެމީގެ ޖާގައެއް ހޯދިއިރު ކުއާޓަރގެ ދެވަނަ މެޗުގައި އެޓަލާންޓާއާއި ޔުވެންޓަސް ބައްދަލުކުރާނެއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 01:00 ގައެވެ.