ޚަބަރު

އަނބި/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭ ކެޓަގަރީއެއް ކަނޑައަޅަނީ


  • ފުލެޓާއި ގޯއްޗަށް ފޯމު ހުށައަޅަން ހުޅުވާލީ ޖެނުއަރީ 18ގައި

  • ރައްޔިތުންގެ ޚިޔާލަށް ބަލާ ކުރިން ވެސް ބަދަލުތައް ގެނެސްފައިވޭ

އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭގޮތަށް ކެޓަގަރީއެއް ކަނޑައެޅުމަށް ނިންމާވާފައިވާކަމަށާއި، އެ ކެޓެގަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިޢުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16ވަނަ ދުވަހުއެވެ.

މީގެދަށުން ރަސްމާލެއިން 15000 ގޯއްޗާއި، 7900 ފްލެޓް ދޫކުރުމަށް ހުޅުވާލިއެވެ. މީގެތެރޭގައި ހިމެނެނީ މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއާއި އަދި ވަކިވަކި ދާއިރާތަކަށް ޚާއްސަކޮށް ކަނޑައަޅާފައިވާ "ޚާއްސަ ކެޓަގަރީ" ތަކެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ތަނަވަސްކޮށް އެންމެނަށް ހޯދައިދިނުމުގެ ގޮތުން، ދެ ކެޓަގަރީއެއް އިތުރުކުރުމަށް ނިންމާފަވާކަމަށެވެ.

އެގޮތުން އަނބިމީހާ/ފިރިމީހާގެ ގޯއްޗެއް އޮތް ނަމަވެސް ކުރިމަތިލެވޭނެ ކެޓަގަރީއެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ޖޮއިންޓްކޮށް ހިމެނޭ އެންމެ ގޯތި ދޫކޮށްލަން އެއްބަސްވެ، އެންމެން އެއްކޮށް ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއެއް ކަނޑައެޅާ، ގޯއްޗަށް އެދުމަށް ހުޅުވާލުމަށްވެސް ނިންމާފަވާކަމަށެވެ.

"އަނބި ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭގޮތަށް ވަރަށް އަވަހަށް ހުޅުވާލާނަން. އަދި މިހާރު ޖޮއިންޓްކޮށް ލިބުނު މީހުން އެއްކޮށް ގޯތި ދޫކޮށްލާނަމަ، ކުރިމަތިލިބޭނެ ކެޓަގަރީއެއްވެސް ކަނޑައަޅާނަން. މި ކެޓަގަރީތަކުން 1000 ގޯތި، ކޮންމެ ކެޓަގަރީއަކުން ކަނޑައަޅާނަން." ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމުގެ މަތިން މީގެ ކުރިންވެސް ވަނީ ބައެއް ކެޓަގަރީތަކަށް ބަދަލުގެނެސްފައެވެ. އެގޮތުން ކުރިން 1 ކޮޓަރި ނުވަތަ 2 ކޮޓަރި ލިބިފަވާ މީހުންނަށް، ޚާއްސަ އުސޫލުތަކާއެކު، މިހާރު ހުޅުވާލަފާ ސްކީމްތަކަސް ކުރިމަތިލިބޭނެ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން މިހާރު ވަނީ މި ސްކީމްތަކަށް އެދި ފޯމު ހުށައެޅުމަށް ޖެނުއަރީ 18ގައި ވަނީ ހުޅުވާލާފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިފަހަރުގެ ފުރުޞަތުގައި ވަނީ މަސްވެރިކަމާއި ފަރުވެރިކަން ފަދަ ބައެއް ސިނާޢަތްތަކަށް ޚާއްސަ ކެޓަގަރީތައްވެސް ހިމަނާފައެވެ.