މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކުރަމުންދާ ސްކޭޓިން އެރީނާގެ މަސައްކަތް ނިންމާ އަންނަ މާޗުމަހުގެ ތެރޭގައި އެތަން ރަސްމީކޮށް ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޤައުމާއި މުޚާޠަބުކުރައްވަމުންނެވެ. ކުޅިވަރުގެ ދާއިރާ ތަރައްޤިކުރުމަށް ކުރެވޭ މަސއްކަތްތަކާއި، ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މާލޭ އުސްފަސްގަނޑު ސަރަހައްދުތަކުގައި ތަރައްޤީކުރަމުންދާ ސްކޭޓް އެރީނާވެގެންދާނީ ރާއްޖޭގައި މިކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ބޮޑު މަސައްކަތަކަށްކަމަށެވެ. އަދި މި އެރީނާ ތަރައްގީކުރަނީ ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭގޮތަށްކަމަށް ރައީސް ފާހަގަކުރައްވާފަވެއެވެ.
"މާލޭގައި ކުރިއަށްދާ އިންލައިން ސްޕީޑް ސްކޭޓިން، ރޯލަރ ސްކޭޓިން ރިންކަކާއި އެކު ސްކޭޓް ޕާކު އެރީނާއެއް ހެދުމުގެ މަސައްކަތް އެބަދޭ. މާލޭ އުސްފަސްގަޑު ސަރަހައްދުގައި ގާއިމުކުރެވޭ މި ސްކޭޓްޕާކު އެރީނާވެގެންދާނީ ދިވެހިރާއްޖޭގައި ސްކޭޓް ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ބޮޑު މަސައްކަތަކަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޭޓިން އަކީ ރާއްޖޭގައި 80ގެ އަހަރުތަކުން ފެށިގެން ކުޅެމުން އަންނަ ކުޅިވަރަކަށްވާއިރު މިހާތަނަށް އެކުޅިވަރަށް އެއްވެސް ވަރެއްގެ ސަމާލުކަމެއްދެވި، ވަސީލަތްތައް ޤާއިމުކުރެވިފައިނުވާކަމަށެވެ.
އެހެންކަމުން ސްކޭޓަރުންގެ މިކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކުރަމުންދާ ސްކޭޓިން އެރީނާގެ ބިންގާ އަޅާފަވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުއެވެ.
ހަލުވިކަމާއިއެކު ކުރިއަށްދާ ސްކޭޓިން އެރީނާގެ މަސައްކަތް ނިންމާ އަންނަ މާޗުމަހުގެ ތެރޭގައި އެތަން ރަސްމީކޮށް ހުޅުވާދެއްވާނެކަމަށް ވިދާޅުވަމުން ރައީސްވަނީ އެތަނަކީ ސަރަހައްދީ މުބާރާތްތައްވެސް ބޭއްވޭނެ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެއްކަމަށް ހާމަކުރައްވާފައެވެ.
"80ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގައި ސްކޭޓްބޯޑިން އަދި އިންލައިން ސްޕީޑް ސްކޭޓިން ގެ އެކި ހަރަތާކްތައް ކުރިއަށް ދިޔަ ނަމަވެސް އެކަށީގެންވާ ވަސީލަތްތަކެއް ގާއިމުކުރެވިފައެއް ނުވޭ. މި ސްކޭޓް އެރީނާ ޕާކު ގާއިމުކުރެވިގެންދަނީ ސަރަހައްދީ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރަށް. މިމަޝްރޫޢު އެއްކޮށް ނިންމާ މިއަހަރުގެ މާޗު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ ރަސްމީކޮށް ހުޅުވާނަން" ރައީސް ވިދާޅުވެފަވެއެވެ.
އަލަށް ތަރައްޤީކުރަމުން އަންނަ ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވައިފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމެވެ. އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިމަޝްރޫޢަކީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.