ޚަބަރު

ވަތަނީ ޚިދުމަތުގެ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާ


  • 241 ކުދިންނަށް ސަރުކާރުން ވަޒީފާތައް ދީފައިވޭ

  • މިއަހަރުގެ އަމާޒަކީ 1،000 ޒުވާނުންނަށް ވަތަނީ ހިދުމަތުގެ ޕްރޮގްރާމުން ޖާގަ ހޯދައިދިނުން

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުން ދަސްވެނިވި ކުދިންގެ ތެރެއިން ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންނަށް ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން އަސާސީ ތަމްރީނު ފުރިހަމަކުރި ކުދިންގެ ތެރެއިން ފަންނީ ތަމްރީނުތަކުގެ މަރުޙަލާއަށް ނުހޮވުނު ކުދިންނަށް އެކުދިން ޝައުޤުވެރިކަން ފާޅުކުރި ވަޒީފާތައް ހަމަޖައްސައިދީފައިވާ ކަމަށެވެ.

"މީގެ ތެރެއިން ހޮވުނު 65 ކުދިން ދިވެހި ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މިއަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހު ބ. އަތޮޅު ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަނީ ފަށާފައި. ދަސްވެނިވި ކުދިންގެ ތެރެއިން މި ތަމްރީނުތަކަށް ނުހޮވޭ ކުދިން އެކުދިން ވަޒީފާ އަދާކުރަން ޝައުޤުވެރިކަން ފާޅުކުރި ތަންތަނުން ސަރުކާރުން ވާނީ ވަޒީފާ ހަމަޖައްސައިދީފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗުން ދަސްވެނިވި 344 ކުދިންގެ ތެރެއިން 65 ކުދިންވަނީ ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތައް މިއަހަރު ޖަނަވަރީ މަހު ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަށާފައެވެ. ރައީސް ވިދާޅުވީ ފަންނީ ތަމްރީނަށް ނުހޮވުނު ކުދިންގެ ތެރެއިން 241 ކުދިންނަށް ސަރުކާރުން ވަޒީފާގެ ފުރުސަތު ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ދެން ތިބި 38 ކުދިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރަން ޝައުޤުވެރިކަން ފާޅުކުރުމުން އެކުދިންނަށް އެ ފުރުސަތު ފަހިކޮށްދީ ޚިދުމަތުން ދޫކޮށްލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗުގައި 350 ޒުވާނުން ބައިވެރިވެފައިވާއިރު، މިކުދިން ވަނީ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ތަމްރީނަށް މާފިލާފުއްޓަށް ފުރާފައެވެ. ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރު ތެރޭގައި 1،000 ޒުވާނުންނަށް ދިވެހި ވަތަނީ ހަރަކާތުގެ ތަމްރީނުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

ދަސްވެނިވި ކުދިންނަށް ސަރުކާރުން ވަޒީފާ ދީފައިވާ މުވައްސަސާތައް:

  • 171 ކުދިން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއަށް
  • 7 ކުދިން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއަށް
  • 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިޔުރިޓީ ކޮމާންޑަށް
  • 23 ކުދިން ދިވެހި ފުލުހުންގެ ޚިދުމަތަށް
  • 5 ކުދިން މޯލްޑިވްސް އިމިގްރޭޝަނަށް
  • 3 ކުދިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއަށް

ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި އަޚްލާޤު ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރު ކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ހޮވުމަށް މަގުފަހިކޮށްދީ، ޒުވާނުންނަކީ ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު ބައެއްގެ ގޮތުގައި ބިނާކުރުމެވެ.