އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ޗެމްޕިއަންޝިޕުގެ އުމުރުފުރާގެ އިވެންޓުން ރާއްޖޭގެ ޒުވާން އަންހެން ޓީމު ވެސް ލޯ މެޑަލް ހޯދައިފިއެވެ.
އިންޑިއާގެ ނިއުދިއްލީގައި މި މަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުން ލޯ މެޑަލް ހާސިލްކޮށްފައިވަނީ 10 މީޓަރު، އެއަރ ޕިސްޓަލް ވިމެންސް ޔޫތު ޓީމުންނެވެ.
ނިއުދިއްލީގެ ޑރ. ކަރްނީ ސިންގް ޝޫޓިން ރޭންޖުގައި ކުރިއަށްދިޔަ މި މުބާރާތުގައި ވާދަކުރި 10 މީޓަރު، އެއަރ ޕިސްޓަލް ވިމެންސް ޔޫތު ޓީމުގައި ހިމެނެނީ ތާޖުއްދީން ސްކޫލްގެ މަރިޔަމް ޒޯހާ އަސްބާހާއި ސީއެޗްއެސްއީ މާލެ، ފާތިމަތު ފައިހާ ފަޒީލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.
މި އިވެންޓުން ރާއްޖޭގެ ޒުވާން ޓީމުން ލޯ މެޑަލް ހާސިލްކުރިއިރު މިބައިގެ ރިހި މެޑަލް ހޯދީ ކަޒަކިސްތާނުންނެވެ. އެއްވަނަ މަގާމުގައި އޮވެ ރަން މެޑަލް ހާސިލްކުރީ މުބާރާތް ހޯސްޓުކުރާ އިންޑިއާ އިންނެވެ.
މިއީ މުޅި އޭޝިއާއިން ބައިވެރިވާ މުބާރާތެކެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ކެޓަގަރީގެ ފިރިހެނުންގެ އިވެންޓުގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމުން ވެސް ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކުރިއަށްދިޔަ އޭޝިއަން ރައިފަލް އެންޑް ޕިސްޓަލް ކަޕުގެ ފައިނަލުގައި އޭޝިއާ ބައްރުގެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ފަހަތަށް ޖައްސާލުމަށްފަހު، މުބާރާތުގެ ޖޫނިއަރ އިންޑިވިޖުއަލް ކެޓެގަރީން ރާއްޖޭގެ މަރިޔަމް އީޝަލް މިސްބާހު ވަނީ ރިހި މެޑެލް ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.
މިއީ ރާއްޖޭގެ ޝޫޓިންގެ ތާރީޚުގައި ދިވެހި އެތުލީޓަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.