ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރައުންޑް އޮފް 16 ގައި މައްޗަންގޯޅީގެ މައްޗަށް ހޯދި މޮޅާއެކު، ބ. އޭދަފުށިން މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ދަނޑުގެ ގްރައުންޑް 2 ގައި ކުޅުނު މި މެޗުން އޭދަފުށި މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އޭދަފުށިން ޖަހާފައި ވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށެވެ.
މިއީ އޭދަފުށިން އުފެއްދި ހަމަލާއެއް، މައްޗަންގޯޅީގެ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ދިފާއުނުކުރެވި، އޭރިއާ ކައިރިން އޭދަފުށީގެ ކުޅުންތެރިންނަށް ލިބުނު ފުރުސަތެއްގައި އިޝާން އިބްރާޙީމް (ސައްޓު) ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އޭދަފުށިން ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު އޭދަފުށިން މުބާރާތުގެ ކުއާޓަރގެ ޖާގައެއް ހޯދިއިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ލަނޑުޖަހައިދިން ރާއްޖޭގެ ފުޓްސަލްގެ ގޯލްޑް ޓީމުގައި ހިމެނުނު ތަރި، އިޝާން އިބްރާޙީމެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލުގައި އޭދަފުށި ނުކުންނާނީ، ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުން މޮޅުވި ރ. ދުވާފަރާ ދެކޮޅަށެވެ. ދުވާފަރުން ކުއާޓަރ ފައިނަލުގެ ޖާގަ ހޯދީ ގަދަ 16 ގެ ފުރަތަމަ މެޗުގައި ސ. ހިތަދޫގެ މައްޗަށް ކުރިހޯދައިގެންނެވެ.