ރާއްޖޭގެ ބައެއް ޚަބަރު ފަތުރާ ވަޞީލަތްތަކުން އިޤްތިޞާދާއި ގުޅޭގޮތުން ޙަގީގަތާއި ޚިލާފަށް ޚަބަރުތައް ގެނައުމަކީ ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވާ ނުރައްކަލެއްގެ އިތުރުން، އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އިތުރަށް ހަރުދަނާކުރުމަށް ހުރިހާ ރައްޔިތުންގެ ބައިވެރިވުންވެސް މުހިއްމުކަން ފާހަގަކުރައްވާފައެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދަކީ ނާޒުކު އަދި އެހެން ޤައުމުތަކާ ތަފާތު އިޤްތިޞާދެއްކަން ގިނަ އިންވެސްޓަރުން ޤަބޫލުކުރައްވާކަމަށެވެ. ވަޒީރު ވިދާޅުވީ، ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ރާއްޖެއަކީވެސް އެހެން ޤައުމުތަކާއި ވާދަކުރާ ޤައުމެއްކަމުން ރާއްޖެއާ ވާދަކޮށް ނުވަތަ ރާއްޖެ ކުރިއެރުމަށް ނޭދޭނެ ބަޔަކު ތިބޭނެކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް ހައިރާން ވެވަޑައިގަންނަވާކަމަކީ ރާއްޖޭގެ އެތެރޭގައިވެސް ރާއްޖެއަށް ގެއްލުންވާ ފަދަ މޭރުމަކުން ކަންކަން ހިނގަމުންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ޚަބަރު ފަތުރާ ބައެއް ވަޞީލަތްތަކުން ރާއްޖޭގެ އިޤްތިޞާދާއި މާލީ ޙާލަތާއި ގުޅޭގޮތުން ލިޔެފައިވާ ބައެއް ޚަބަރުތަކާއި ގުޅިގެން އިންވެސްޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން އިންވެސްޓަރުންނަށް، ކަމާ ގުޅުންހުރި އިދާރާތަކުގެ މާލީ ހިސާބުތައް ދައްކަންޖެހުނު އެތައް ޙާލަތެއް އައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޤަބޫލުކުރައްވަންޖެހޭ އަޅުގަނޑުމެނާވެސް ކޮމްޕީޓުކުރާނެ މީހުން ތިބޭނެ. ޚުދު އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަތިބި. އަޅުގަނޑު ހަމަ ހައިރާންވޭ ބައެއް ނޫސްތަކުގައި އެހާ ހޮސްޓައިލްކޮށް ލިޔުއްވާފައި ހުރީ މިދިޔަ އަހަރެއްހާ ދުވަސްތެރޭގައި ރާއްޖެއާ ބެހޭގޮތުން. އޭގެސަބަބުން އަޅުގަނޑުމެން ހުންނާނެ އިންވެސްޓަރުންނަށް އީމެއިލް ފޮނުވާފައި ބައެއް އާޓިކަލް ލިޔުއްވީމަ އެއީ ރަނގަޅު މަޢުލޫމާތު ނޫނޭ ހަގީގަތާ ޚިލާފު ވާހަކައޭ މިކަންތައް އޮތީ މިހެންނޭ." ވަޒީރު ވިދާޅުވިއެވެ.
އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިވަމުންދިޔަ ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުން މުހިއްމުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ފަހަކަށް އައިސް ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރާ މިންވަރު އިތުރުވެފައި ދަނޑިވަޅެއްގައެވެ. މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުގެ ތެރޭގައި މީޑިއާތަކާއި ސިޔާސީ ބޭފުޅުން ހިމެނޭއިރު، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި މިފަދަ ކަންކަން ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. އަދި އެއްވެސް ހެއްކެއް ނެތި ސިޔާސީ ބޭނުމަށް ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ އާއްމު ރައްޔިތުންނަށްކަންވެސް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.