ކުޅިވަރު

ފާއިތުވެދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކީ ރިޒާން


  • އޭނާއަށް މި ޝަރަފު ލިބިފައިވަނީ 1895 ޕޮއިންޓު ލިބިގެން

  • ރިޒާންއަކީ ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް

  • ރިޒާން އަންނަނީ ސީބީއެމްގެ އެސްޖީގެ މަގާމުވެސް އަދާކުރަމުން

2025 ވަނަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔަކަށް އިބްރާހިމް ރިޒާން ހޮވިއްޖެއެވެ. އޭނާއަށް މި ޝަރަފު ލިބިފައިވަނީ 1895 ޕޮއިންޓު ލިބިގެންނެވެ.

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ކުރިކެޓް ހަވީރުގައި މި އެވޯޑް ރިޒާންއާއި ހަވާލުކޮށްދެއްވާފަވަނީ ސީބީއެމްގެ ރައީސް މުހަންމަދު ފައިސަލްއެވެ. ރިޒާންއަކީ ކުރިކެޓްގެ ދާއިރާގައި ގިނަ ދުވަހުގެ ޚިދުމަތްކޮށް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ޒުވާނެކެވެ. މިވަގުތު ރިޒާން އަންނަނީ ސީބީއެމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމް އަދާކުރައްވަމުންނެވެ.

މިއަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭނާ މިމަގާމާއި ހަވާލުވެފައިވާއިރު، ކްލަބް ކްރިކެޓްގެ އެއްވެސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދެން އޭނާއަކަށް ނޯންނާނެއެވެ. އެހެންނަމަވެސް ޑިވެލޮޕްމަންޓް ޓީމުތަކަށާއި ސޯޝަލް ކްރިކެޓް މުބާރާތްތަކުގައި ރިޒާނަށް ކުޅުމުގެ ފުރުސަތު ހުޅުވިފައިވާކަމަށް ސީބީއެމްއިންވަނީ ބުނެފައެވެ.

ރިޒާންއަކީ ކުރިކެޓް ކުޅުންތެރިއެއްގެ އިތުރުން އަމްޕަޔަރިންގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާވަނީ މެލޭޝިއާގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އަމްޕަޔަރު ޓިއުޓާ ކޯސް، ލެވަލް ވަން ފުރިހަމަކޮށްފައެވެ. އުމުރުން އެންމެ 17 އަހަރުގައި އަމްޕަޔަރުކަން ކުރަން ފަށާފައިވާ ރިޒާންއަކީ އެކި ފޯމެޓްތަކުގެ މުބާރާތްތަކުގައި އަމްޕަޔަރުކަންކޮށްފައިވާ ޒުވާނެކެވެ.

އައިސީސީގެ އަމްޕަޔަރުކަމުގެ ސެޓްފިކެޓް ރިޒާން ހާސިލްކުރުމާއި ގުޅިގެން އޭނާއަށްވަނީ ރާއްޖޭގައި އަމްޕަޔަރުން ތަމްރީނުކުރުމުގެ ހުއްދަ ލިބިފައެވެ.