ޚަބަރު

ފޯރިގަދަ މެޗު ސީއެޗްއެސްސީ މާލެއަށް


  • ދެ ޓީމުގެ ފަރާތުން އަވަސް ހަލުވި ކުޅުމެއް ފެނިގެން ދިޔަ

  • ސީއެޗްއެސްއީ މޮޅުވީ އެންމެ ފަހު މިނިޓުގައި ޖެހި ލަނޑުން

ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗު ސެންޓަރ ފޯ ހައަ ސެކަންޑްރީ (ސީއެޗްއެސްއީ މާލެ) ކާމިޔާބުކޮއްފިއެވެ. ވިލާ އިންޓަރނޭޝަނަލް ސުކޫލާ ވާދަކޮށް ސީއެޗްއެސްސީ މާލެ މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.

ރަސްމީބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން އަވަސް ހަލުވި ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް އެޓޭކުގައި ގޯލަށް ނުރައްކާ ކޮއްފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ވިލާއިން ސީއެޗްއެސްއީގެ ގޯލަށް ނުރައްކާ ކުރި އިރު ހަމަލާއެއް ވަނީ ދަނޑިއަށް ވެސް އަމާޒުވެފައެވެ.

ސީއެޗްއެސްއީ ލީޑު ނެގީ 17 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ބޯޅައެއްގައި އެޓީމުގެ ކެޕްޓަން އަހުމަދު މިކއާލް މުއީން އޭރިއާތެރެއަށް ނެގި ބޯޅައެއް ވިލާ ކުޅުންތެރިއާ ޔޫސުފް ނަމިކް އަލީ ނަސީރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ލަނޑަކުންނެވެ.

މ ލަނޑަށްފަހު ދޭތެރެދޭތެރެއިން ވިލާއިން ދިއައީ ސީއެޗްއެސްއީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ލިބިނު ފުރުސަތެއްގައި މެޗުގެ 35 މިނިޓުގައި ކުލަބު އީގަލްސް އަށް ކުޅެމުން އަންނަ އަހުމަދު ލައިތު އައްބާސް ވަނީ ކީޕަރު އޭރިއާ ތެރެއިން ކުރިއަށް ނުކުތް ވަގުތު ކީޕަރަށް ވެސް ޖާގަ ނުދީ ގޯލަށް ވައްދާލާ ނަތީޖާ ހަމަހަމަކޮއްފައެވެ.

ސީއެޗްއެސްއީ މޮޅުވީ އެންމެ ފަހު މިނިޓުގައި އޭރިއާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާ މުހައްމަދު ސައިމް އިބްރާހިމް ގޯލުގެ ދުރުކަނަށް އަމާޒުކޮއްލި ބޯޅައިންނެވެ.

މި މޮޅާއެކު ސީއެޗްސީ މާލެ އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުން ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. މުބާރާތުގެ ކުޅުން ދެން އޮންނާނީ ހޯމަދުވަހު އެވެ.