ޚަބަރު

ގްރީންއަށް ޖޫރިމަނާއަކާއި ޓްރާންސްފަރ ބޭންއެއް


  • އެފްއޭގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ، ގްރީން 50،000ރ އިން ޖޫރިމަނާކުރުމަށް

  • ވެލެންސިއާގެ ތުހުމަތުތައް ގްރީން އިން ވަނީ ދޮގުކޮށްފަ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހަފްތާގައި ކްލަބް ގްރީން ސްޓްރީޓްސް ކުޅެން އޮތް މެޗަށް ހާޒިރުނުވުމާ ގުޅިގެން އެ މައްސަލަ ބަލައި، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން އެ ކުލަބަށް ފިޔަވަޅު އަޅައިފިއެވެ.

ލީގުގައި ކުޅެން އޮތް ފަހު މެޗުގައި ގްރީން ވާދަކުރަން އޮތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ފަށަން އޮތް ވަގުތު ޖެހުނުއިރު ވެސް މެޗު ފެށުމަށް ބޭނުންވާ އަދަދަށް ކުޅުންތެރިން ހާޒިރުވެފައި ނުވާތީ ގްރީން ސްޓްރީޓްސް މެޗުން ބަލިވީ ކަމަށް އަދި 0-2 އިން ނިއުރޭޑިއަންޓް މޮޅުވީކަމަށް ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބެލުމަށްފަހު އެފްއޭގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ، އެ ޓީމު 50،000ރ އިން ޖޫރިމަނާކުރުމަށެވެ. އަދި މި ފައިސާ 15 ދުވަހުގެ ތެރޭގައި އެފްއޭއެމްއަށް ދެއްކުމަށް ވެސް އަންގާފައިވެއެވެ.

މީގެއިތުރުން، ދެން އެންމެ އަވަހަށް އަންނަ ޓްރާންސްފަރ މާކެޓުގައި ގްރީން ސްޓްރީޓްސްއަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިނުވެވޭގޮތަށް ކުޅުންތެރިން ގަތުމާއި ވިއްކުން އަދި އެއްވެސް ޓްރާންސްފާއެއް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ވެސް ނިންމާފައިވާކަން ގްރީން އަށް ވަނީ އަންގާފައެވެ.

އަދި، މިފަދަ ކަމެއް ކްލަބް ގްރީން ސްޓްރީޓްސްގެ ފަރާތުން ތަކުރާރުކޮށްފިނަމަ އިތުރު ހަރުކަށި ފިޔަވަޅު އެ ކުލަބާމެދު އަޅާނެކަމުގެ އިންޒާރު ވެސް އެ ކޮމިޓީން ވަނީ އެ ކުލަބަށް ދީފައެވެ.

ޑިސިޕްލިނަރީ ކޮމިޓީން ބުނީ، މި މައްސަލައިގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ، ހަތް ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފަށް ހުށަހެޅޫމުގެ ފުރުސަތު ގްރީން ސްޓްރީޓްސްއަށް ލިބިގެންވާ ކަމަށެވެ.

ލީގުގައި ނިއުއާ ދެކޮޅަށް ގްރީން ކުޅެން އޮތް މެޗުވީ އެ ދެ ޓީމުގެ އިތުރުން، ކްލަބް ވެލެންސިއާއިން ވެސް ނަތީޖާއަށް އިންތިޒާރުކުރަމުންދިޔަ މެޗަކަށެވެ. އެ މެޗުގައި ގްރީން ފަސް ލަނޑުގެ ފަރަގަކުން ބަލިވި ނަމަ، ރެލިގޭޝަން ޕްލޭއޮފްގައި ކުޅުމުގެ ފުރުސަތު ވެލެންސިއާއަށް ލިބުނީހެވެ. އެހެންނަމަވެސް އެ މެޗަށް ގްރީން ހާޒިރުނުވުމުން، 0-2 އިން ނިއު މޮޅުވީކަމަށް ކަނޑައެޅުމާއެކު ވެލެންސިއާ ވަނީ ރެލިގޭޓްވެފައެވެ.

މިކަމާ ގުޅިގެން ވެލެންސިއާއިން ވަނީ ގްރީން ސްޓްރީޓްސްއިން ގަސްތުގައި ވެލެންސިއާ ރެލިގޭޓުކޮށްލުމަށް މެޗު ދޫކޮށްލައި، މެޗު ފިކްސިންގެ އަމަލެއް ހިންގީ ކަމަށެވެ. އަދި އެ މައްސަލަ އޭއެފްސީއަށާއި ފީފާއަށް ވެސް ހުށަހަޅާނެކަމަށް ވެލެންސިއާ އިން ބުނެފައިވެއެވެ.

ވެލެންސިއާގެ ތުހުމަތުތައް ގްރީން އިން ވަނީ ދޮގުކޮށްފައެވެ. އަދި ކުޅިވަރުގެ ރޫހާއި ފުޓުބޯޅައިގެ އަގުމާތްވި އަޚްލާގު ހިފަހައްޓާނެކަމުގެ ޔަގީންކަން އެ ކުލަބުން ދީފައިވެއެވެ.