ޚަބަރު

ވިޒިޓް މޯލްޑިވްސްއިން ރާއްޖެ އިޝްތިހާރުކުރަން ކެމްޕޭނެއް ފަށައިފި


  • ހޫނު މޫސުމުގައި ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ފެށި ކެމްޕެއިނެއް

  • ކެމްޕެއިން ކުރިޔަށް ދަނީ، "ސީސޭޝަނަލް ސަމާ"ގެ ނަމުގައި

ހޫނު މޫސުމުގައި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އަމާޒުކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ޚާއްޞަ ކެމްޕޭނެއް ރަސްމީކޮށް އިފްތިތާޚުކޮށްފިއެވެ.

"ސީސޭޝަނަލް ސަމާ"ގެ ނަމުގައި ފެށި މި ކެމްޕެއިނަކީ، މިއަހަރުގެ ފެބްރުއަރީން އޮގަސްޓު މަހުގެ ނިޔަލަށް މެދުނުކެނޑި ރާއްޖެ އިޝްތިހާރު ކުރުމަށް ފަރުމާކޮށްފައިވާ ކެމްޕޭނެއް ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، މި ކެމްޕޭނު ތަޢާރަފުކޮށްފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި "ވިޒިޓް މޯލްޑިވްސް ކުއާޓަރލީ އިންސައިޓްސް - މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިންގ"ގައި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ބޭފުޅުންނަށާއި، މާކެޓިންގ މާހިރުންނަށް ދުނިޔޭގެ ދަތުރުފަތުރުގެ ދިރާސާތަކާއި، މާކެޓް އެނަލަސިސް އަދި ޑިޖިޓަލް ވަސީލަތްތަކާއި، މީސްމީޑިއާ ބޭނުންކުރާ ގޮތުގެ މައްޗަށް މި ކެމްޕޭނު ރޭވިފައިވާ ގޮތުގެ ތަފްސީލީ މަޢުލޫމާތު ޙިއްސާކުރި ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މި ކެމްޕޭނަކީ، ހޫނު މޫސުމުގެ ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މުޅި އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ތަފާތު ހަރަކާތްތައް ދައްކާލުމަށާއި، މުޅި އަހަރު ދުވަހުވެސް ރާއްޖެއަކީ ޒިޔާރަތް ކޮށްލުމަށް އެންމެ އެކަށީގެންވާ މަންޒިލު ކަމުގައި އިޝްތިހާރު ކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ، މި ކެމްޕެއިން ފަރުމާކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ހަރަކާތްތައް އެއް ވިއުގައަކުން ބަލާލެވޭނެ ގޮތަށް ގެނެސް، އަބަދުވެސް އެ ދުވަސްވަރަކާއި ގުޅޭ އައު ކަންތައްތައް ހިމެނޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ކަމަށެވެ. އަދި މި ކެމްޕޭނުގެ އޮނިގަނޑު އެކުލަވާލާފައިވަނީ، މީސްމީޑިއާއާއި އެހެނިހެން ޑިޖިޓަލް މަންސަތައް ބޭނުންކުރާ ފަތުރުވެރިންގެ އާދަކާދަތައް ދެނެގަނެފައިވާ ދިރާސާތަކުގެ މައްޗަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެ ކޯޕަރޭޝަނުން ވިދާޅުވީ، މި ދިރާސާތަކުން ދައްކާ ގޮތުގައި މިޒަމާނުގެ ފަތުރުވެރިން ދަތުރު ކުރުމަށް ދުވަސްވަރެއް ކަނޑައެޅުމުގައި މީސްމީޑިއާއިން ފެންނަ އިޝްތިހާރުތަކާއި، އެ މަންޒިލެއްގެ ރަސްމީ މަސްދަރުތަކުން ފެންނަން ހުންނަ މަޢުލޫމާތަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމަށެވެ. މިގޮތުން މީސްމީޑިއާގައި ދައުރުވާ ޕޯސްޓްތަކުން ފަތުރުވެރިންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދި ކަމުގައިވިޔަސް، އެ މަންޒިލަކަށް ކުރާ ދަތުރު ކަށަވަރުވާނީ ރަސްމީ މަސްދަރުތަކުން ފޯރުކޮށްދޭ މަޢުލޫމާތުން ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. އަދި މި ކެމްޕޭނު ފަރުމާކޮށްފައިވަނީ، ފަތުރުވެރިންގެ މިފަދަ އާދަކާދަތަކަށް އަމާޒުކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން، މި ކެމްޕޭނުގެ ބްރޭންޑާ އެއްގޮތަށް ވިޒިޓް މޯލްޑިވްސް އިވެންޓްސް ކަލަންޑަރަށް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި މި ކަލަންޑަރުގެ އެހީގައި ފަތުރުވެރިންނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ހަރަކާތްތައް އެއް ވިއުގަައަކުން ބަލާލެވި، ހޫނު މޫސުމުގައިވެސް ރާއްޖޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިނގަމުންދާކަން ކަށަވަރުވެ، ރާއްޖެއަށް ދަތުރު ކުރުމަށް އޮންނަ އިތުބާރު އިތުރުވެގެންދާނެއެވެ.