ޚަބަރު

ނިއުގެ ފުޓްބޯޅަ އެކަޑަމީ ސްޕެއިންގެ ކޯޗަކާއެކު ޔޫރަޕް މޮޑެލްއަށް


  • އެކަޑަމީ ހިންގަން ސްޕެއިންގެ ކޯޗެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • އެކަޑަމީއަށް ދިވެހި ކޯޗުން ހޯދުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުން

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ނިއުރޭޑިއަންޓުން ވަނީ އެކުލަބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުލަބުގެ އައު ޓެކްނިކަލް ޑައިރެކްޓަރ މީޑިއާއަށް ތައާރާފްކޮށްދީ އޭނާގެ ބެލުމުގެ ދަށުން އެކަޑަމީ ހިންގާނެ އޮނިގަނޑު އަދި މޮޑެލް އެކުލަވާލުމުގެ މަސައްކަތްކޮށް ނިމިފައިވާކަން އިއުލާނުކޮށްފައެވެ.

ކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުސްތަގުބަލަށް އެކި އުމުރުފުރާގެ ޓީމުތައް އުފެއްދުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށާއި، މި އެކަޑަމީ ވެގެންދާނީ މިހާރު ރާއްޖޭގައި ހުރި އެކަޑަމީތަކާއި މުޅިން ތަފާފު ފޯމެޓަކަށް ހިންގާ އެކަޑަމީއަކަށް ކަމަށެވެ.

"އައު ޓެކްނިކަލް ޑައިރެކްޓަރ ކޯޗު އަންދްރޭ މަސައްކަތް ކުރާތާ މަހެއްހާ ދުވަސް މިވީ. ބޭނުންވާ އިކުއިޕްމެންޓް އާއި ކުދިންލާނެ ކިޓްސްވެސް ގެނެސް ހުރިހާ ކަމެއް ނިންމާފަ އަޅުގަނޑުމެން މި އިއުލާނު ކުރީ އެކަޑަމީއަށް ވަނުމުގެ ފުރުސަތު" މުބީން ވިދާޅުވިއެވެ.

ޔޫރަޕް ފުޓުބޯޅައިގެ މޮޑެލަށް ކުލަބުގެ އެކަޑަމީގެ ތަމްރީނުތައް ބައްޓަންކޮށް ގްރާސްރޫޓު ޕްރޮގްރާމް ފަށާއިރު އަންހެން އަދި ފިރިހެން ކުދިންނަށް ވަކިން ޓްރޭނިން ސެޝަންތައް އޮންނާނެ ކަމަށް މުބީން ވިދާޅުވިއެވެ.

މީގެ އިތުރުން ޕާސަނަލް ޓްރޭނިންއަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ހުނަރު ހުރި މޮޅު ކުޅުންތެރިން ދެނެގަނެ އެ ކުޅުންތެރިން އައު ފެންވަރަކަށް ގެންދިއުމަށް ދޭންޖެހޭ އެންމެހާ ތަމްރީނުތައް އެއެކަޑަމީން ދޭނެ ކަމަށްވެސް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ނިއުގެ އެކަޑަމީ ހިންގުމަށް ޓެކްނިކަލް ޑައިރެކްޓަރ އަންދްރޭސް މެދުވެރިކޮށް ސްޕެއިންގެ ތަޖުރިބާކާރު އައު ކޯޗެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާއާއެކު މަސައްކަތް ކުރާނެ ދިވެހި ކޯޗުންވެސް ހޯދަމުން އަންނަ ކަމަށެވެ.

"ސްޕެއިންގެ އިތުރު ކޯޗެއް މި ގެންނަނީ ހެޑް ކޯޗެއް ގޮތަށް އެކަޑަމީއަށް. އެ ކޯޗުގެ ބެލުމުގެ ދަށުން ކުރިޔަށްދާނީ. ދިވެހި ކޯޗެއްވެސް ހޯދަމުން މިދަނީ. ވަރަށް ބޮޑަށް ބެލެހެއްޓިގެން ވަރަށް ރަނގަޅަށް ފޯކަސް ކުރެވިގެން" މުބީން ވިދާޅުވިއެވެ.

ނިއު ރޭޑިއަންޓްގެ އެކަޑަމީއާއި ގުޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާއިރު އަންހެން ކުދިންގެ އެކަޑަމީއާއި ފިރިހެން ކުދިންނަށް ހާއްސަ އެކަޑަމީވެސް ހިންގާނީ ވަކިންނެވެ. ފިރިހެން ފުޓްބޯޅައެކޭ އެއްގޮތަށް އަންހެން ފުޓްބޯޅަ ކުރިއަރުވާ މުސްތަގުބަލަށް ވަރުގަދަ ޓީމެއް އުފެއްދުމަކީ ނިއުގެ އަމާޒެކެވެ.

މުބީން ވިދާޅުވީ މި އެކަޑަމީ ވެގެންދާނީ ރާއްޖޭގައި މުޅިން އަލަށް ފަށައިގަންނަ ސްޓައިލެއްގެ އެކަޑަމީއަކަށް ކަމަށެވެ. އަދި ދިރާސާތަކެއް ހެދުމަށްފަހު އެކަޑަމީ ހިންގާނެ ގޮތާއި ޓްރޭނިން ސެޝަންތައް ކުރިޔަށް ގެންދާނެގޮތްތައް ރާވާ އެކުލަވާލީ، ރާއްޖޭގައި މިހާރު ހިންގާ އެކަޑަމީތަކާއި މުޅިން ތަފާތު ކޮންސެޕްޓަކަށް ކަމަށެވެ.

މިއެކަޑަމީ އިއުލާނުކޮށް މިހާރު މަސައްކަތް ކުރަމުން އަންނަނީ މާލެއާއި ހުޅުމާލެއާއި ފ. ނިލަންދޫ އާއި ގދ. ތިނަދޫގައި ޓްރޭނިންތައް ފެށުމަށެވެ.