މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ ޗައިނާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 7ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް ވަނީ 35000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއާއެކު އެޤައުމު ވަނީ ލިސްޓުގެ އެއްވަނަ އަށް ޖެހިލާފައެވެ. މިއަހަރުގެ ފުރަތަމަ ހަފުތާ ނިމުނު އިރު ޗައިނާ އަކީ ރާއްޖެއަށް 6ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.
ޗައިނާ: 35,123 ފަތުރުވެރިން
ރަޝިއާ: 35,112 ފަތުރުވެރިން
އިޓަލީވިލާތް: 28,676 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 285,127 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 270,706 ފަތުރުވެރިންނާއަޅާ ބަލާއިރު %5 އިތުރު އަދަދެކެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 8,620 ފަތުރުވެރިން އާދެއެވެ. މި މަހުގެ 1 ވަނަ ދުވަހު ރާއްޖެއަށް 10,253 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ދުވަހެވެ.
ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 11ވަނަ ދުވަހުއެވެ. އެއީ 10،213 ފަތުރުވެރިންނެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއަހަރު ރާއްޖެއަށް 2.5 މިލިޔަން ފަތުރުވެރިން ގަނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.