ޚަބަރު

މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށްވެސް ފެންނާނެ


މިރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގައި މިރޭ ކޭތަނަމާދު ކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ހަނދުކޭތަ ހިފަން ފަށާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކަނީ، މިރޭ 11:53ގައެވެ. އެންމެ ބޮޑަށް ކޭތަ ހިފާނެކަމަށް ބެލެވެނީ 11:54ގައެވެ.

ގަޑިއެއްހާއިރަށް ދެމިގެންދާ ކޭތަ ވީއްލާނެކަމަށް ބެލެވެނީ މެންދަމު 1:53ގައެވެ. ކޭތަނަމާދު ކުރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. މާލޭގައި ހަނދުކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުއްޞުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އިސްލާމީ މަރުކަޒު ގައެވެ. ހުރިހާ ރަށެއްގައިވެސް ކޭތަ ނަމާދުކުރަން ފެށުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައިވަނީ މިރޭ އެގާރަގަޑި 11:53ގައެވެ.

ކޭތަ ނަމާދަކީ ގިނަބަޔަކު އެއްވެ ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެކެވެ. ދެރަކުޢަތުގެ މި ނަމާދަށްފަހު ޚާއްޞަ ޚުޠުބާއެއް ކިޔާނެއެވެ.

ކޭތަހިފުމަކީ، މާތްﷲ އިރަށާއި ހަނދަން މިންވަރުކުރައްވާފައިވާ ދައުރުވުމެއްގެ ސަބަބުން ހިނގާ ކަމެކެވެ. ކޭތަހިފަނީ ހަމައެކަނި ޤުދުރަތީ ސަބަބުތަކުން ނޫންކަމާއި މީސްތަކުން ކުށްފާފަތަކާއި އުރެދުން ގިނަވުމުގެ ސަބަބުންވެސް ކޭތަހިފާކަން ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭކަމަށް ޢިމްލުވެރިން ވިދާޅުވެއެވެ. އަދި ކޭތަހިފުމަކީ، ބަލަން ނިކުންނަންޖެހޭ ރީތި މަންޒަރެއްގެ ގޮތުގައި އެކަނި ބެލުމުގެ ބަދަލުގައި ފާފަ ފުއްސެވުން އެދި ދުޢާދެންނެވުމަކީ މުހިންމުކަމެއްކަން ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ.