މާލޭގައި ހުންނަ އަތޮޅު ފިހާރަތައް ހިމެނޭ ސަރަޙައްދު، ވިޔަފާރީގެ އިތުރު ފުރުޞަތުތަކަށް މަގުފަހިވާގޮތަށް އަލުން ތަރައްޤީކުރަން ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިއަހަރުގެ ރިޔާސީ ބަޔާނުގައި މިކަމަށް އަލިއަޅުވާލައްވާ ވިދާޅުވީ، އެ މަސައްކަތް ކުރިއަށްގެންދާނީ މިހާރު ހުރި ފިހާރަބަރީގެ އިމާރާތުގެ ސަޤާފީވަންތަކަން ނުގެއްލޭގޮތަށްކަމަށެވެ.
މާލޭގެ ބާޒާރުމަތި ސަރަޙައްދުގައި ކޮންމެ އަތޮޅެއް ރަމްޒުކޮށްދޭގޮތަށް ނަންދެވި، އަތޮޅު ފިހާރައިގެ ނަމުގައި ވިޔާފާރި އިމާރާތްތައް އަންނަނީ ހިންގަމުންނެވެ. މި ތަންތަނަކީ އެތަންތަން ކުއްޔަށް ދޫކޮށް ލިބޭ މަންފާއިން ވަކި އިންސައްތައެއް، އެ އަތޮޅަކަށް ލިބޭގޮތަށް ހިންގަމުން އައި ތަންތަނެވެ. ނަމަވެސް އެތަންތަނުން އަތޮޅުތަކަށް ލިބެންވާ ފައިސާ ދޫކުރުމުގައި މެދުކެނޑުންތައް އައިސް، އެކަން އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ނުދެއެވެ.
ސަރުކާރުން މިވަނީ އެ ސަރަޙައްދު އަލުން ތަރައްޤީކުރުމަށް ނިންމާފައެވެ. އަދި އަތޮޅު ފިހާރަތަކުގެ މަންފާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ގެންދަވަނީ ތަކުރާރުކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައިވެސް ވަނީ މިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ މާލޭގައި ހުންނަ އަތޮޅުފިހާރަތައް އިތުރަށް ތަރައްޤީކޮށް، އެ ފިހާރަތަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތައް ލިއްބައިދެވޭނެ ތަނަކަށް ހެދުމަށްޓަކައި، އަތޮޅުފިހާރަބަރި ހުރި ސަރަޙައްދު އަލުން ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށެވެ.
އަދި އެސަރަހައްދު ޒަމާނީ ކޮމާރޝަލް ފްރަންޓަކަށް ހެދުމަށް ސަރުކާރާ ބައިވެރިވެގެން އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް މި އަހަރުގެ މެދުތެރޭގައި އެކަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ތަން ތަރައްޤީކުރާނީ މިހާރު ހުރި އިމާރާތްތައް ހިމެނޭހެން، ސަޤާފީ ވަންތަކަން ނުގެއްލޭނެގޮތަށްކަމަށެވެ.
"އަތޮޅު ފިހާރަބަރިޔަކީ މާލޭގެ މަލަމަތީގެ ރަމްޒެއްގެ ގޮތުގައި، އެތައް ޒަމާނެއްވީ ތަރިކައެއް ކަމުން، އަތޮޅު ފިހާރައިގެ އިމާރާތުގެ ބޭރުފާރު، ދިގު މުއްދަތަކަށް ރައްކާތެރިކޮށް ހުންނާނޭ ގޮތަކަށް މި ރީޑިވެލޮޕްމަންޓް މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އަޅުގަނޑު ގަސްދުކުރަން." ރައީސް ވިދާޅުވިއެވެ.
މިކަމުގެ އިތުރު ތަފްސީލް ޙިއްސާކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ އޭގެ އަސްލު ވަންތަކަން ނުގެއްލޭގޮތަށް، ނަމަވެސް ޒަމާނަށް އައި ބަދަލާއެކު އިޤްތިޞާދަށް އޭގެ މަންފާ އެންމެ ރަނގަޅަށް ކުރާނެގޮތަށް ބަދަލުތައް ގެންނަންޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ސަރަޙައްދަކީ މާލޭގެ މަލަމައްޗަށްވުމާއި ވިޔަފާރީގެ މައި ސަރަޙައްދަށް ވުމާއެކު، އެތަން ތަރައްޤީކުރާނީ ވިޔަފާރީގެ ވީހާވެސް ގިނަ ފުރުޞަތުތައް ފަހިވާގޮތަށްކަމަށެވެ.
"ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކުރެވި، އަދި ގިނަ ފަންގިފިލާއަށް ނެގުމުން ބިމުގެ ފައިދާ ބޮޑުވެގެންދާނެ. މާލެއަށް ތަހުޒީބުކަން އަންނާނެ. އަތޮޅުތަކަށް ލިބޭ މަންފާ ބޮޑުކުރަން ފުރުޞަތު ލިބޭނެ." ވަޒީރު ވިދާޅުވިއެވެ.
މާލޭގެ ބާޒާރުމަތީ ސަރަޙައްދަކީ، އަތޮޅުތަކުން މާލެއަށް މުދާ ގެނެސް ވިއްކުމާއި އަދި މާލެއިން އަތޮޅުތަކަށް މުދާ ގެންގޮސް، ވިޔަފާރީގެ ހަރަކާތްތައް އެންމެ އިހު ޒަމާނުއްސުރެ ކުރިއަށްގެންދިޔަ ސަރަޙައްދެވެ.
އަތޮޅު ފިހާރަ ބަރީގައި ކޮންމެ އަތޮޅަކަށް ފިހާރަ ހިމެނޭހެން 20 ފިހާރަ ހިމެނެއެވެ. އެތަން ތަރައްޤީކޮށްފައިވަނީ އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ މަންފާއިން ބައެއް އަތޮޅުތަކަށް ލިބޭގޮތަށެވެ. ނަމަވެސް އެ ފައިސާ ޖަމާނުކޮށް ގިނަ އަހަރުތަކެއްވެފައިވާއިރު، އެ ފިހާރަތަކުގެ އިދާރީ ކަންކަން އެންމެ ރަނގަޅަށް ގެންދެވިފައެއް ނުވެއެވެ.
ނަމަވެސް އަލަށް ގެންނަ ބަދަލުތަކާއެކު އަތޮޅު ފިހާރަތައް ހިންގުން ހަރުދަނާކޮށް، އެ ފިހާރަތަކުން އަތޮޅަށް ލިބެންވާ މަންފާ އަތޮޅުތަކަށް އެކަށީގެންވާ ގޮތުގައި ހޯދައިދެވޭނެއެވެ.