ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝާހުބާޒް ޝަރީފަށް، ސްރީލަންކާގެ ރައީސް އަނޫރާ ކުރާމަ ޑިސަނަޔެކޭ ފޯނު ކުރައްވައި މަޝްވަރާ ކުރެއްވުމުން ޓުވެންޓީ20 ކްރިކެޓް މުބާރާތުގައި އިންޑިޔާއާ ދެކޮޅަށް ކުޅެން ޕާކިސްތާނު އެއްބަސް ވެއްޖެ އެވެ.
މި މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ ރާވަޕްޕިންޑީގެ ޕްރެމަދާސާ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުޅެން ހަމަޖެހިފައި އޮތް މެޗު ޕާކިސްތާނުން ބޮއިކޮޓް ކުރީ ބަނގްލަދޭޝް މުބާރާތުން ވަކިކުރި މައްސަލާގަ އެވެ. ޕާކިސްތާނުން ބުނަނީ މިކަމުގެ އަޑީގައި އޮތީ އިންޑިޔާ ކަމަށެވެ. އަދި މިއީ އެއްކަމެއްގައި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ދެ ގައުމެއް ތަފާތު ކުރުން ކަމަށެވެ. ޕާކިސްތާން އިޝާރާތް ކުރަނީ އެ ގައުމުގައި ބާއްވާ މުބާރާތްތަކަށް އިންޑިޔާއިން އަންނަ ދެކޮޅު ހެދުމުން އިންޑިޔާގެ މެޗުތައް އެހެން ގައުމުތަކުގައި ކުޅުވާފައި ބަނގްލަދޭޝްގެ އިންޑިޔާގެ ބަދަލުގައި ލަންކާގައި މެޗުތައް ކުޅެން ހުށަހެޅުމުން އެކަމަށް އެއްބަސްނުވުމުން އެކަމަށެވެ. މެޗު ބޮއިކޮޓް ކުރަން ޕާކިސްތާން ސަރުކާރުން ނިންމީ އެކަމަށް ކެބިނެޓްގައި ވެސް މަޝްވަރާ ކުރުމަށްފަހު އެވެ.
ޕާކިސްތާނުން އިންޑިޔާ މެޗު ބޮއިކޮޓް ކުރުމުން މިހާތަނަށް އެކި ފެންވަރުގައި މި މެޗު ކުޅުވަން ޕާކިސްތާނާއެކު ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ. މި ގޮތުން އައިސީސީގެ ޑެޕިއުޓީ ޗެއާޕާސަން އިމްރާން ޚަވަޖާ ވަނީ ޕާކިސްތާނަށް ވަޑައިގެން އެ ގައުމުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީއާއެކު ހަ ގަޑިއިރުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި މި ބައްދަލުވުމަށް ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ރައީސް އަމީނުލް އިސްލާމް ވެސް ޕާކިސްތާނަށް ވަޑައިގަތެވެ.
މެޗު ކުޅެން އެއްބަސްވެވަޑައިގަތުމަށްފަހު ޕާކިސްތާނުގެ ސަރުކާރުން ބުނީ މިއީ ވަރަށް ވިސްނުންތެރިކަމާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި މިކަމުގައި ބަނގްލަދޭޝްގެ ކްރިކެޓް ބޯޑުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކުރާ ކަމަށެވެ.
ލަންކާ އާއި އިންޑިޔާގައި މިހާރު ކުރިއަށްދާ މުބާރާތުގައި ޕާކިސްތާނުގެ ހުރިހާ މެޗެއް ވެސް ކުޅެން ނިންމާފައިވަނީ ލަންކާގަ އެވެ. މި ގޮތަށް ނިންމީ ވެސް އިންޑިޔާގައި މެޗު ކުޅެން ޕާކިސްތާން ބޭނުންނުވާކަން މާކުރިން އަންގާފައިވާތީ އެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން ވަނީ ނެދަލޭންޑްސް އަތުން މޮޅުވެފަ އެވެ.