އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފުތާގައި ފ.އަތޮޅާއި ދ.އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އާރްޓީއެލްގެ ޚިދުމަތް ދެނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ، ފ.އަތޮޅުގެ 1 ރޫޓާއި، ދ.އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ.އަތޮޅާއި ފ.އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ.އަތޮޅާއި ދ.އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދުއާއި މީދޫއާއި ދެމެދުގައެވެ.
މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މި ދަތުރުތައް 1 ހަފުތާއަށް ކުރިއަށްގެންދާއިރު ތަޖުރިބާ ދަތުރުތައް ކުރާނީ އެއްވެސް އަގަކާ ނުލައެވެ.
އެމްޓީސީއިން މިހާރު ގެންދަނީ، މި ދެ އަތޮޅުގައި ދަތުރުތައް ފެށުމުގެ ކުރިން، ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ރޫޓުތަކުގެ މަޢުލޫމާތާއި، އަގުތަކާއި، ފެރީގެ ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރާނެއެވެ.
މި ދެ އަތޮޅަށް އަގު ނަގައިގެން ދަތުރުތައް ފަށާނީ، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި ދަތުރުތަކަށް ޖުމުލަ 2 ފެރީ ބޭނުންކުރެއެވެ.
މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް ނުފެށި އޮތީ، ޒޯން 4 އަދި ޒޯން 3ގައެވެ. ޒޯން 4ގައި ހިމެނެނީ، މ، ފ، ދ އަދި ލ.އަތޮޅެވެ. ޒޯން 3ގައި ހިމެނެނީ ކ، އއ، އދ އަދި ވ.އަތޮޅެވެ.
މިދިޔަ އަހަރު ވަނީ 3 އަތޮޅެއްގައި މި ޚިދުމަތް ފަށާފައެވެ. ފ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ދެން ހިމެނޭ ރަށްތަކުގައިވެސް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގައި ވަނީ މި ޚިދުމަތް ފަށާފައެވެ.
ފެރީ ނިޒާމަކީ، ޚިދުމަތްތައް ހޯދުމަށް އަތްފޯރާ އަގެއްގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް ދޭ ޚިދުމަތެކެވެ. މިއީ، ދަތުރުފަތުރުގެ ވަރަށް ކާމިޔާބު ނިޒާމެކެވެ.
އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ.