ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް ވަޑައިގަތުމުން ރަސްމީކޮށް މަރުޙަބާ ދެއްންނެވުން ކުރިއަށްގެންގޮސްފައިވަނީ އެގައުމުގެ ރިޔާސީ ގަޑުވަރު ޝްލޮސް ބެލެވިޔުގައެވެ. މިއީ ރާއްޖޭގެ ރައީސަކަށް ޖަރުމަނުވިލާތުން ރަސްމީކޮށް މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ މަރުޙަބާ ދަންނަވާފައިވާއިރު، މިއީ ޖަރުމަނުގެ ރައީސްގެ ދަޢުވަތަކަށް ރާއްޖޭގެ ރައީސަކު ޖަރުމަނުވިލާތަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ޖަރުމަނުވިލާތުގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރއަށް ތަޢާރަފުކޮށްދެއްވިއެވެ. އަދި ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ޝްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ތަޤުރީރުކުރައްވާނެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.