ރާއްޖޭގެ ވޮލީގެ ސީނިއަރ ޤައުމީ ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރަނުގެ ފުރުސަތެއް ހުޅުވާލައިފިއެވެ.
ވީއޭއެމް އިން ކުރި އިއުލާނެއްގައި ބުނީ، ޤައުމީ ޓީމަށް ހޮވެން ބޭނުންވާ ފަރާތްތަކަށް، ޓްރައި އައުޓް ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށެވެ.
ވީއޭއެމް އިން ހޯދަމުންދަނީ ހަމައެކަނި ކުޅުންތެރިން ނޫން ކަމަށާއި، ބޭނުންވަނީ ކޯޓުގައި ލީޑުކުރާނެ، މޮޅު ވުމުގެ ރޫހު ހުރި، ކުޅިވަރުގެ އަޚްލާގާ އެއްގޮތަށް މަސައްކަތްކުރާނެ ކުޅުންތެރިން ތަކެއް ކަމަށެވެ.
ވޮލީގެ އެންމެ މަތީ ހަރުފަތުގައި ޤައުމު ތަމްސީލުކުރުމުގެ ވަރުގަދަ އަޒުމެއް އޮތްނަމަ، މި ޓްރައި އައުޓުގައި ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.
މި ޓްރައި އައުޓް އޮންނާނީ ފެބްރުއަރީ 11 އިން ފެށިގެން 16 ވަނަ ދުވަހާ ދެމެދު، ރޭގަނޑު 08:30 އާއި 10:30 އާ ދެމެދުއެވެ.
ޓްރައިއައުޓް ކުރިއަށް ދާނީ އެކުވެނި ޓާފް ކޯޓުގައެވެ.
ޓްރައި އައުޓްއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 7722363 އަށް ގުޅުމަށް ވީއޭއެމް އިން އެދެއެވެ.
ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ މިފަހުން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން، ސެޓަރުން ފިޔަވައި ޓީމުގައި ތިބި 30 އަހަރަށްވުރެ މަތީ އުމުރުގެ ކުޅުންތެރިން ޓީމުން ބާކީކޮށްފައެވެ. މިކަން މިގޮތަށް ކުރީ، ވޮލީގެ މުސްތަގްބަލް އުޖާލާކޮށް، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ވޮލީގެ ވަރުގަަދަ ޖީލެއް ބިނާކުރުމުގެ އަޒުމުގައެވެ.
ޓީމު ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އީރާނުގެ ފަރްހާދް ނަޒާރީގެ އިރުޝާދުގެ ދަށުންނެވެ.